ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް، ވީއައިއޭގެ އާ ޓާމިނަލްއިން ފައިސާހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައިގައި ވައްކަން ކުރުމަށް ބޭނުންކުރި ސްޕީޑްލޯންޗު ހޯދައި، 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓުގެ އާ ޓާމިނަލަށްދާ ވޯކްވޭއިން ފައިސާތަކެއް ފޭރިގަތް މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅީ މިއަދު ފަތިހު 4:45 ހާއިރެވެ.
މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ އޮފިސަރުންގެ ހަލުވި އަދި އެދެވޭ މަސައްކަތް ފާހަގަކުރާ ކަމަށާއި، ކުށްވެރިން ހައްޔަރުކުރުމަށް އެޅުނު ފިޔަވަޅުތަކަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ. އަދި، މައްސަލައިގައި ތުހުމަތުކުރެވޭ ހަތަރު މީހުން ހައްޔަރުކޮށް އެމީހުން ދުއްވި ލޯންޗު ވެސް ހޯދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންނާއި، އެމީހުންގެ ބެލުމުގެ ދަށަށް ގެނެވުނު ލޯންޗާ ގުޅޭ އިތުރު ތަފްސީލުތައް ފުލުހުން އަދި ހާމަކޮށްފައި ނުވެ އެވެ. މި މައްސަލަ މިހާރުވެސް ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.