ފާޅުކުރީ އަމިއްލަ ޚިޔާލު، ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރަން: އެމްޕީ އައިބީ

394949_3_10ba97139b423b98faded18d26beff3bd438ba64_large

ފާޅުކުރީ އަމިއްލަ ޚިޔާލު، ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރަން: އެމްޕީ އައިބީ

SHARE

އައްޑޫގައި އިއްޔެ ނެގި އާއްމު ވޯޓާ ގުޅިގެން ފާޅުކުރެއްވީ އަމިއްލަ ޚިޔާލު ކަމަށާއި، އެ ވޯޓުގައި ރައްޔިތުން ނިންމި ނިންމުމަށް އިހުތިރާމްކުރައްވާ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.

އައްޑޫ 3 ރަށެއްގެ ރައްޔިތުންގެ މެދުގައި އިއްޔެ ނެގި ހިޔާލު ހޯދުމުގެ ވޯޓަކީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާގޮތް ބަދަލުކޮށް، އެ އަތޮޅުގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ނެގި ވޯޓެކެވެ. މި ވޯޓުގައި ވަގުތީ ނަތީޖާއިން ދައްކާ ގޮތުން، ހުޅުދޫ އާއި މީދޫން ވަކި ކައުންސިލެއް އުފައްދަން ނިންމިއިރު، ފޭދޫ އިން ނިންމީ ވަކި ކައުންސިލެއް އުފައްދަން ބޭނުންނުވާ ކަމަށެވެ.

މި ވޯޓު ނެގުމުގެ ކުރިން އިދިކޮޅު ފަރާތްތަކުން ދިޔައީ އެއީ އައްޑޫ ބައިބައިކޮށްލުމަށް ނަގާ ވޯޓެއް ކަމަށާއި އެ ވޯޓަކީ ސަރުކާރުން ވަކި ނަތީޖާއެއް ނެރެން ބޭނުންވެގެން ނެގި ވޯޓެއް ކަމަށް ބުނަމުން ނެވެ. ވަކިން ޚާއްސަކޮށް ފޭދޫއިން ވަކި ކައުންސިލެއް ހަދަން ބޭނުންވާ ކަމަށް ނިންމުމުން ޕީއެންސީއަށް ނިސްބަތްވާ އައިބީ އަށް ދަނީ މަލާމާތްކޮށް ފާޑުކިޔަމުން ނެވެ. މެމްބަރު ގަބޫލުކުރައްވާ ގޮތުގައި ފޭދޫގައި ވަކި ކައުންސިލެއް އޮތުމަކީ އެންމެ ރަނގަޅު ގޮތެވެ.

މިކަމާ ގުޅިގެން "އެތެރެފުށާ' ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ ރައްޔިތުންގެ ޚިޔާލަށް އިހުތިރާމް ކުރައްވާ ކަމަށެވެ. އަދި އޭނާ ފާޅުކުރެއްވީ އަމިއްލަ ޚިޔާލު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރަން. އެހެންނަމަވެސް އެއްޗެހި ކިޔާ މީހުން އެކިޔަނީ އަޅުގަނޑުގެ ޚިޔާލާ ދެކޮޅަށް. އެއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ އެމްޕީއަކަށް ވިޔަސް ރައްޔިތަކަށް ވިޔަސް" އޭނާ ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ ފޭދޫގައި ވަކި ކައުންސިލެއް އޮންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ސަބަބަކީ ފޭދޫއަށް އަމިއްލަ ނިންމުންތައް ނިންމުގެ ބާރާއި އަމިއްލަ ބަޖެޓެއް ލިބޭނެ ގޮތް މަގުފަހިކުރުން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އާއްމުކޮށްފައިވާ ވޯޓުގެ ނަތީޖާ ދައްކާގޮތުން، ހުޅުދޫގެ 68.73 % މީހުން ބޭނުން ވަނީ ވަކި ކައުންސިލެއް އުފައްދާށެވެ. މީދޫގެ ނަތީޖާ ދައްކާގޮތުން 85.47 % މީހުން ބޭނުން ވަނީ ވަކި ކައުންސިލެއް އުފައްދާށެވެ. އެކަމަކު ހުޅުދޫ އާއި މީދޫއާ ހިލާފަށް ފޭދޫ ރައްޔިތުންގެ ވޯޓަށް ބަލާއިރު، 72.83 % މީހުން ބޭނުންވީ ވަކި ކައުންސިލެއް ބޭނުންނުވާ ކަމަށެވެ. ވަކި ކައުންސިލެއް އޮންނަން ބޭނުންވާކަމަށް ފޭދޫން ވޯޓު ދިނީ ހަމައެކަނި 27.17 % މީހުންނެވެ.