އދ. ގެ ސައިބަރ ކްރައިމްއާ ދެކޮޅު މުއާހަދަގައި ރާއްޖެއިން މިއަދު ސޮއިކޮށްފި އެވެ.
ސައިބާ ކްރައިމް ހުއްޓުވުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރާ އދ. ގެ މުއާހަދާ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބާކްރައިމް" ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މި މަހުގެ 15 ވަނަ ދުވަހު ރުހުން ދީފަ އެވެ. އެ މުއާހަދާގައި ގަައުމުތަކުން ސޮއިކުރަން ފަށައިފައިވަނީ، ސައިބާ ކްރައިމްއާ ދެކޮޅަށް، ވިއެޓްނާމްގެ ހަނޯއީގައި ކުރިއަށްދާ މަތީ ފަންތީގެ ކޮންފަރެންސްގަ އެވެ. އެ މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ.
އެ މުއާހަދާގައި ސޮއިކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓުގައި މިނިސްޓަރު ހަލީލް ވިދާޅުވީ، މިއީ ތާރީހީ ވަގުތުކޮޅެއް ކަމަށެވެ. އަދި އެއީ ރައްކާތެރި، މިހާރަށްވުރެ ކަށަވަރުކަން ބޮޑު ޑިޖިޓަލް މުސްތަގުބަލަކަށް ވާސިލުވުމަށް އެޅި މުހިއްމު ފިޔަވަަޅެއް ކަމަށެވެ. މީގެއިތުރުން، ރާއްޖެ ފަދަ ވަސީލަތްތައް މަދު، ކުދި ޖަޒީރާ ގައުމުތަކުގެ ވަސީލަތްތައް މަދުވުމަކީ ސައިބާ ނުރައްކާތަކުން ސަލާމަތްވުމަށް އޮތް ބޮޑު ގޮންޖެހުމެއްކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު ހަލީލް ވިދާޅުވީ، ރާއްޖެ ފަދަ ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކުން އަބަދުވެސް މަސައްކަތްކުރާނީ ސައިބާ ކުށްތައް މަދު ކުރަން ކަމަށެވެ.
ސައިބަރ ކްރައިމްއާ ދެކޮޅު މުއާހަދަގައި ރާއްޖެއިން ސޮއިކުރުމާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފްވެސް މަރުހަބާ ވިދާޅުވެފަ އެވެ. ޝަރީފް ވިދާޅުވީ، މިއީ ޑިޖިޓަލް ނުރައްކާތަކާ ދެކޮޅަށް ދުނިޔޭގެ އެކި ގައުތުތަކުން ދެމުން އަންނަ އެއްބާރުލުން ހަރުދަނާ ކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެ. މި މުއާހަދާއަށް އަމަލުކުރަން ފެށުމާއެކު، އެކަން ތަންފީޒުކުރުމަށް ޕީޖީ އޮފީހުން ކުރަންޖެހޭ ހުރިހާ ކަމެއްކުރާނެކަމުގެ ޔަގީންކަން ޝަރީފް ދެއްވި އެވެ.
މި މުއާހަދާ އެކުލަވާލާފަވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ނަމަވެސް، ގައުމުތަކުން ސޮއިކުރަން ފަށާފަވަނީ މިއަދު އެވެ.