ރާއްޖޭގެ ޒަކާތު ހައުސްގެ މުވައްޒަފުންތަކެއް މެލޭޝިއާގެ އިންސީފް ޔުނިވަރސިޓީގައި ކުރިއަށްދާ، ޕްރޮފެޝަނަލް ސެޓްފިކެޓް އިން އިސްލާމިކް ފައިނޭންސް (ޕީ.ސީ.އައި.އެފް) ޕްރޮގްރާމްގެ، އަމަލީ ބައިގައި ބައިވެރިވުމަށް މެލޭޝިއާއަށް ފުރައިފިއެވެ.
ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ ގޮތުގެ ޝަރުއީ އަސާސުތަކާއި ޒަކާތްނަގައި ޒަކާތްބެހުމުގެ އެންމެހައި ކަންކަން ބެލެހެއްޓުމަށް ދައުލަތުން ކަނޑައަޅައިފައިވާ މީހުންނަކީ، ޒަކާތުގެ ހުކުމްތައް ދަންނަ، ޝަރުޢީ ގޮތުން ޒަކާތުގެ ޢާމިލަކަށް ކޮންމެހެން އެނގުން ލާޒިމުވާ މިންވަރު އެނގޭ ބަޔަކަށް ވާންޖެހެއެވެ.
ޒަކާތު ހައުސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުވައްޒަފުން ބައިވެރިވާ މި ތަމްރީނަކީ ޒަކާތު މެނޭޖްމަންޓްގެ ދާއިރާގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް، ޒަކާތު ހައުސްގެ މުވައްޒަފުންގެ ޕްރޮފެޝަނަލް ޤާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ތަމްރީނެއް ކަމަށެވެ. މި ތަމްރީނުގައި ޒަކާތު ހައުސްގެ 11 މުވައްޒަފަކު ބައިވެރިވެ އެވެ.
މި ކޯހުގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ޒަކާތުގެ ނިޒާމު ތަރައްގީކުރުމާއި، ޒަކާތު މެނޭޖްމަންޓް އޮނިގަނޑުތަކާއި، ޒަކާތުގެ އިދާރީ ކަންކަން ހަރުދަނާކުރުމުގެ ސްޓްރެޓެޖީތައް ފަދަ މުހިންމު ދާއިރާތަކަށެވެ. ކޯހުގައި ބައިވެރިންނަށް ހަމައެކަނި ތިއަރެޓިކަލް މައުލޫމާތު ލިބިދިނުމުގެ ބަދަލުގައި، އަމަލީ ގޮތުން ކަންކަން ހިންގުމަށް ބޭނުންވާ ހުނަރުތައް ތަރައްޤީކުރުމަށް ތަޖުރިބާ ހޯދުމުގެ ގޮތުން މެލޭޝިއާގެ އެކި އިދާރާތަކަށް ޒިޔާރަތްކުރާނެ އެވެ.