ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެއްވި ޖަވާބަކާ ގުޅިގެން ހިތްހަމަނުޖެހި، އަޑުގަދަކުރެއްވި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްލައިފި އެވެ.
މަޖިލީހުގެ ތަޅުން ހޫނުވެގެންދިޔައީ އެމްޑީޕީގެ ޕީޖީ ލީޑަރު އަހުމަދު ނާޒިލް ކުރެއްވި ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބާއެކު އެވެ. ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ސުވާލުކުރެއްވީ ހިތަދޫގައި މިދިޔަ ސަރުކާރުން އަޅަން ފެށި އިސްލާމީ މަރުކަޒުގެ މަސައްކަތް ހުއްޓިފައި އޮތީ ކޮންޓްރެކްޓަރަށް ފައިސާ ނުދެވިގެންތޯއާއި އެ މަޝްރޫއު ނިމެނޭ ތާރީހަކާ ގުޅިގެން ނެވެ.
ޝަހީމް ވިދާޅުވީ، އެ މަޝްރޫއު ހުއްޓިފައިއޮތީ ސަރުކާރުން ކޮންޓްރެކްޓަރަށް ފައިސާ ނުދީގެން ކަމަށް ބުނާ ވާހަކައަކީ ހަގީގަތާ ހިލާފުވާހަކައެއް ކަމަށެވެ. އަދި އެ މަޝްރޫއު ލަސްވަމުންދަނީ އެ މަސައްކަތް ކުރުމުގެ 'ކެޕޭސިޓީ' ނުވަތަ ގާބިލުކަމެއް ނެތް ބަޔަކާ ހަވާލުކުރުމުން ކަމަށް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ މިދިޔަ ސަރުކާރުން މަސައްކަތްތައް ކޮށްފައިވަނީ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދީ ކަމަށާއި މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު 70 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރަން ޖެހުނު ކަމަށެވެ.
އެއާއެކު ޝަހީމްގެ ޖަވާބާ މެދު ނުރުހުންވެ ނާޒިލް ހިމެނޭ ގޮތަށް މެމްބަރުން ތަޅުމުގައި އަޑުގަދަކުރައްވަން ފެއްޓެވި އެވެ.
" އަޅުގަނޑުމެން މިނިސްޓްރީއާ ހަވާލުވިއިރުވެސް 50 މިލިއަން ރުފިޔާ ނުދައްކާ އޮތީ. އަޑުއައްސަވާ ސުވާލު ކުރައްވާފަ. ސުވާލުގެ ޖަވާބު އަޑުއެހުމުގެ ގާބިލުކަން ހުންނަންޖެހޭނެ އިއްޒަތްތެރި މެމްބަރު. " ޖަވާބު ނިންމަވާލައްވަމުން ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު އެމްޑީޕީން އެ ސުވާލުކުރަން ވެސް ލަދުގަންނަން ޖެހޭނެ ކަމަށެވެ.
ސަރުކާރުގެ މެމްބަރުންނާއި އިދިކޮޅު މެމްބަރުންގެ މެދުގައި ޒުވާބެއް ފެށި މުޅި ތަޅުން ހަލަބޮލިވެގެންދިޔަ އެވެ. ދެން ފެނިގެންދިޔައީ ވަޒީރު އިންނެވި މޭޒާ ގާތްވުމަށް ނާޒިލް މަސައްކަތްކުރެއްވުމުން މަޖިލީހުގެ ސެކިއުރިޓީން އޭނާ ހުއްޓުވާ މަންޒަރެވެ. އޭގެ ފަހުން ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވެސް އެ މޭޒާ ގާތްވުމަށް މަސައްކަތް ކުރުމުން ހުއްޓުވި އެވެ.
ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން މައުރޫފް އަޑުގަދަކުރައްވަން ފެއްޓެވީ މިހާހިސާބުން ނެވެ. އެހެންވެ އޭނާއަށް ނަސޭހަތްތެރިވުމުން ވެސް ތަބާނުވުމުން އެނާގެ ނަން އިއްވުމަށްފަހު ތަޅުން ދޫކޮށް ވަޑައިގެންނެވުމަށް އެންގެވި އެވެ.