އަންނަ އަހަރުގެ ރޯދަ މަހުގެ ކުރިން އިސްލާމީ ދައިރާގެ ތެރެއިން ސަރުކާރުން ހިންގާ 15 މަޝްރޫއުއެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ.
އިސްލާމީ ދާއިރާގެ މަޝްރޫއުތައް ނިންމުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއްދެއްވާކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ މި ފަދަ މަޝްރޫއުތައް ނިންމުމަށް ހަވާލުކޮށްފައިވާ އަމިއްލަ ކުންފުނިތަކަށް، މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި 170 އަށް ވުރެ ގިނަ މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
އެގޮތުން އަންނަ ރޯދަ މަހުގެ ކުރިން އިސްލާމީ ދާއިރާގެ ބޮޑު 15 މަޝްރޫއުއެއް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެތެރޭގައި 500 ޖާގައިގެ މިސްކިތްތަކާއި 700 މީހުންގެ ޖާގައިގެ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނޭނެ" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް މުޅި ރާއްޖޭގައި ހުޅުވުމަކީ ސަރުކާރުގެ އަމާޒެކެވެ.. މިހާރުވެސް ބައެއް ރަށްރަށުގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރުމަށް ހަވާލުކޮށްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.