ތައުލީމީ މާހައުލުގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭ ގޮތުން އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ސެންޓަރު (އައިއެމްސީޓީސީ) އިން ތަމްރީން ކޯހަކާއެކު ވޯކްޝޮޕެއް ރާއްޖޭގައި ކުރިއަށް ގެންގޮސްފި އެވެ.
"ތައުލީމީ މާހައުލުގައި ހަރުކަށި ފިކުރާ ކުރިމަތިލުން"ގެ ނަމުގައި ބޭއްވި އެ ތަމްރީން ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އަދި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދުގެ އިތުރުން ތައުލީމީ އަދި އަސްކަރީ ދާއިރާގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ތައުލީމީ މުޖުތަމައުތަކުގެ ތެރޭގައި މެދުމިނުގެ ސަގާފަތެއް އާލާކުރުމުގެ މަގުސަދުގައި މިއަދު ފެށި މި ތަމްރީން ކޯހުގައި ތަފާތު ދާއިރާތަކުގެ އިލްމީ ބޭފުޅުންނާއި ޓީޗަރުންނާއި ތައުލީމީ ދާއިރާގެ މާހިރުން ވެސް ބައިވެރިވި އެވެ.
ތަމްރީން ކޯސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޝެހެނާޒް ވަނީ މެދުމިނުގެ މުހިންމުކަމާއި ހައްދުފަހަނައަޅާ ދިއުމުގެ ނުރައްކާތެރިކަމާމެދު މުޖުތަމައުގެ އެކި ދާއިރާތައް ހޭލުންތެރިކަން އިތުރުކުރުމަށް އައިއެމްސީޓީސީން ކުރަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފަ އެވެ.
އޭގެ އިތުރުން އައިއެމްސީޓީސީން ބާއްވާ އެފަދަ ތަމްރީން ޕްރޮގްރާމްތަކަކީ ކުޑަކުދިންނާއި ޒުވާނުންނަށް އިސްލާމްދީނާ ގުޅޭ ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަށް ޓީޗަރުންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް މުހިންމު ޕްރޮގްރާމް ތަކަކަށްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ތަމްރީނުުގައި ތައުލީމީ މާހައުލުގައި ހައްދުފަހަނައަޅާދިއުމާ ދެކޮޅަށް މަސައްކަތްކުރުމަށް ޓީޗަރުންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ގާބިލުކަން އިތުރުކުރުމާ ގުޅޭ މުހިންމު ބައިތަކެއް ކުރިއަށް ގެންދާނެ އެވެ. އޭގެ ތެރޭގައި ހައްދުފަހަނައަޅާދިއުމަށް މަގުފަހިވާ ކަންކަން، ތައުލީމީ މާހައުލުގައި ހައްދުފަހަނަ އަޅާދިއުމުގެ ނިޝާންތައް, އެފަދަ މައްސަލަތަކާ ކުރިމަތިލުމުގައި ތައުލީމީ ދާއިރާގެ އެކި ފަރާތްތަކުގެ ދައުރު އަދި ހައްދުފަހަނައަޅާދިއުމުގެ ނިޝާންތަކަށް އަވަހަށް އިޖާބަ ދޭނެ ގޮތްތައް ކިޔައިދނުން ހިމެނެ އެވެ.