ރާއްޖޭގައި މަސްތުވާތަކެތީގެ ސަބަބުން ދިމާވާ ނަފްސާނީ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށް ނެޝެނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.
އެންޑީއޭއާއި ފުލުހުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެންޑީއޭގެ ސީއީއޯ މުހައްމަދު ރާޝިދެވެ.
އެންޑީއޭއިން ފަރުވާ ދިނުމުގައި ހުރި ދަތިތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ރާޝިދު ވިދާޅުވީ، އެންޑީއޭގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ބައްޓަން ވެފައި އޮތީ ފަރުވާ އަށް އަންނަ މީހާ މަސްތުން ސާފު ކުރުމަށް ކަމަށެވެ. އެކަމަކު، މިހާރު އެންމެ ގިނައިން ފާހަގަވާ އެއް މައްސަލަ އަކީ ވަރަށް ގިނަ ބަޔަކު މަސްތުން ސާފުކުރުމުގެ ކުރިން ނަފްސާނީ ފަރުވާ ދޭން ޖެހިފައި ވުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑްރަގް އިންޑިއުސްޑް ސައިކޯސިސް ނުވަތަ އެ ބޭނުންކުރެވޭ މަސްތުވާތަކެތީގެ ސަބަބުން އަންނަ ނަފްސާނީ ބަލިމަޑުކަމެއް، އެ ކަންކަން މިއަދު އަޅުގަނޑުމެންނަށް ވަރަށް ގިނަ އެޑިކްޓުންގެ ފަރާތުން އެބަ ފާހަގަކުރެވޭ،"
އޭނާ ވިދާޅުވީ އަސާސީ މަސައްކަތެއްގެ ގޮތުގައި، ފުރަތަމަ އެ ކުއްޖަކަށް ނުވަތަ މީހަކަށް ނަފްސާނީ ފަރުވާ ދޭން ޖެހޭ ހާލަތަކަށް އެބަ އަންނަ ކަމަށެވެ. އަދި އެއީ ރާއްޖޭގައި ފަރުވާދިނުމުގެ ނިޒާމަށް މިހާރު އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރަށް ރާއްޖޭގެ ފަރުވާގެ ނިޒާމުގައި މަސައްކަތްތެރިން މަދުކަން ފާހަގަކުރައްވާ އޭނާ ވަނީ މި ދާއިރާ އަށް ވީހާ ވެސް ގިނަ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި މިއީ މަތީ ތައުލީމް ހާސިލްކޮށްގެން މަސައްކަތަށް ނިކުންނަން ރަނގަޅު ދާއިރާއެއް ކަމަށް ވެސް ވިދާޅުވި އެވެ.