ލ. ފޮނަދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
އެ ރަށުގަ ރޭ ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
މި މަޝްރޫއުގެ ދަށުން، 98,233 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަދި ނެރު ފުންކޮށ،ް 4497 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދެއް ފުންކޮށް، 482 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލާނެ އެވެ. އަދި މިހާރު އޮތް އެއްގަމުތޮށި މަރާމާތު ކޮށް، 92 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލާ، 171 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެ އެވެ. މީގެއިތުރުން، 30 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖަހާ، 4500 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާ، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.
މި މަޝްރޫއަކީ 89.58 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އިތުރުން، ފޮނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއުކުރެއްވީ، ހައުސިންގް މިނިސްޓަރު އަބްދުﷲ މުއްތަލިބް އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.
މި މަޝްރޫއުގެ ދަށުން، ޖުމްލަ 12.36 ކިލޯމީޓަރުގެ މަގު ތަރައްގީ ކުރާނެ އެވެ. ފެން ހިންދާ ނިޒާމެއް ގާއިމުކޮށް، ސާވިސް ލައިން އަޅާ، ދުވާރު ހަދާ، ދުއްވާ ސަރަހައްދެއް ގާއިމުކުރާނެ އެވެ. އަދި މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެ އެވެ.
މި މަޝްރޫއަކީ 89.17 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.