ލާމުގައި ދެވަނަ އެއާޕޯޓެއް އަޅާނީ އެންމެ ފައިދާ ވާނެ ރަށެއްގައި

434305_d0096832-a_

ލާމުގައި ދެވަނަ އެއާޕޯޓެއް އަޅާނީ އެންމެ ފައިދާ ވާނެ ރަށެއްގައި

SHARE

ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅާނީ އިގްތިސާދީގޮތުން އެންމެ ފައިދާވާނެ ރަށެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ، ލ. އަތޮޅަށް ކުރައްވާ، ރަސްމީ ދަތުރުފުޅުގެ ތެރެއިން މާވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ ފުރަތަމަ މަންޒިލަކީ މާވަށެވެ.

ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ލާމު އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅުއްވާދެއްވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފަ އެވެ. އެމަނިކުފާނު ވަނީ އެ ވައުދު ފުއްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ އެއާޕޯޓު ތަރައްގީކުރައްވާނީ ހުރިހާގޮތަކުން ބަލައި އެންމެ ފައިދާ ވާނެ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން އެންމެ ގިނަ ރިސޯޓުތައް އޮތް ސަރަހައްދެއްގައި އެއާޕޯޓު އެޅުމަކީ ރާއްޖޭގެ ޓުއަރިޒަމް ކުރިއެރުވުމަށް ވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ލ. އަތޮޅުގައި މިވަގުތު އެއާޕޯޓެއް އޮންނަނީ ކައްދޫގައި އެކަންޏެވެ.

މީގެ އިތުރަށް ރައީސް ވަނީ މާވަށުގައި ސިއްހީ ދާއިރާ ތަރައްގީކުރައްވާނީ، ރައްޔިތުން ބޭނުންވާގޮތަށް ހޮސްޕިޓަލެއްގެ ދަރަޖައަށް ހިދުމަތްދެވޭގޮތަށް އަމާޒުކުރައްވައިގެން ކަމަށް ވެސް ވިދާޅުވެފަ އެވެ. އެގޮތުން އެންމެ ބޮޑު އެއް މައްސަލައަކީ ރަށުގެ ސިއްހި ހާލަތު އޮތްގޮތްކަން ފާހަގަކުރައްވާ އެކަމަށް ހައްލު ގެނެސްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސިއްހީ މަރުކަޒަށް އިތުރު 4 އެނދުގެ ވޯޑަކާއި، ލެބޯޓްރީއަކާއި ޕަބްލިކް ހެލްތު ޔުނިޓެއްގެ އިތުރުންވެސް، ބައެއް ހިދުމަތްތައް ހިމެނޭގޮތަށް ތަރައްގީކުރެއްވުމަށް މިމަހުގެ ތެރޭގައި ބަޔަކާއި ހަވާލުކުރައްވާނެ ކަމަށެވެ. އަދި އަމާޒަކީ ހިދުމަތްތައް އިތުރަށް ތަރައްގީކުރައްވައި، ސިއްހީ މަރުކަޒު ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީކުރެއްވުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ. މީގެއިތުރުން ކުރިއަށް އޮތް ތަނުގައި މާވަށަށް ހާއްސަކޮށްގެން ސީއެމްބިއުލާންސެއް ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އެރަށުގައި މިވަގުތު ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއަށްވެސް ވަނީ އަލިއަލުއްވާލައްވާފަ އެވެ. މި މަޝްރޫޢުގެ ދަށުން އިތުރުކުރެވޭ 15 ހެކްޓަރާއެކު މުޅި މަޝްރޫއު ނިމޭއިރު ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކާނެކަން ރައީސް ފާހަގަކުރެއްވި އެވެ.