ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ މާޗުމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެ އެވެ.
ޒާހިދު މިފަދައިން ވިދާޅުވީ، ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ޒާހިދު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް ވާންޖެހޭ އިދާރީ ތައްޔާރީތައް ވަމުން އަންނަކަމަށާއި އިންތިހާބުގެ ޓައިމްލައިން މިހާރު ކަނޑައަޅާފައިވާކަމަށެވެ.
އެގޮތުން، އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗުގައި ކަން ފާހަގަކުރައްވާ ޒާހިދު ވިދާޅުވީ އެ އިންތިހާބަށް ކުރިމަތިލުމަށް އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ. އަދި އިންތިހާބުގެ އިދާރީ ކަންކަމަށް 270 ވަރަކަށް މުވައްޒަފުން ބޭނުންވާނެ ކަމަށާއި، އިންތިހާބުގެ ޓާސްކްފޯހަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ ކަންކަން މިހާރުވެސް ކުރިއަށްދާކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކެންޑިޑެސީ މިފަހަރު ހުށައަޅަން ޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި އެ އިންތިހާބަށް ރައްޔިތުން ހޭލުންތެރިކުރުމަށް ދުރާލާ މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.