ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފި އެވެ.
މިދިޔަ ހޯމަ ދުވަހު ފެއްޓެވި މި ދަތުރުފުޅުގައި، އެމަނިކުފާނު ށ. އަތޮޅުގެ 14 ރަށަށް ވަޑައިގެންނެވި އެވެ.
އެ އަތޮޅު ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދޫއަށް ޒިޔާރަތްކުރައްވައި އެމަނިކުފާނު ވަނީ އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ. އަދި އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އިރު، ކޮންމެ ރަށެއްގައި ވެސް މިހާރު ހިނގަމުންދާ އަދި ކުރިއަށް ގެންދަން ރޭވިފައިވާ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހިއްސާކޮށްފައިވެ އެވެ.
މި ދަތުރުފުޅުގައި ރަށްރަށުގަ ތަރައްގީގެ މަޝްރޫއުތައް ފަށައި އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފަ އެވެ. އެއާޕޯޓުތައް ތަރައްގީކުރުމާއި ފުލުހުންގެ މަރުކަޒުތައް ފަދަ އުމްރާނީ ތަރައްގީއަށް މުހިއްމު މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރާތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހާލުއަހުވާލު ބައްލަވައި، ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ މުހިއްމު ސިޔާސަތެ ކެވެ.