ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުގެ މައްޗަށް ރައްދުވާގޮތަށް ރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލ،ަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ރަޖިސްޓްރޭޝަން ފީ ދައްކާފައިނުވާތީކަމަށް ބުނާ ވާހަކަ އެ އޮފީހުން މިއަދު ދޮގުކޮށްފި އެވެ.
ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އިރުފާންގެ މައްޗަށް އުފުލީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. އެކަމަކު އޭނާގެ މައްޗަށް އެ މައްސަލަ ސާބިތުނުވާ ކަމަށް ދަށު ކޯޓުން ނިންމުމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރި އެވެ. އެ މައްސަލައިގެ އިސްތިއުނާފްގެ ރަޖިސްޓްރޭޝަން ފީ ދައްކާފައިނުވާތީ ކަމަށް ބުނެ ހައި ކޯޓުގެ ރެޖިސްޓާ ވަނީ އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށް ނިންމާފައިވާ ކަމަށެވެ.
މި މައްސަލައިގައި ޕީޖީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ނިންމުމުގައި ރަޖިސްޓްރޭޝަން ފީ ދެއްކުމަށް އަންގާ ލިޔުން 5 އޮކްޓޫބަރު 2025 ގައި މި އޮފީހަށް މެއިލް ކުރިކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ އީމެއިލް ޕީޖީ އަށް ލިބިފައިނުވާ ކަމަށެވެ. އެގޮތުން އެފަދަ ލިޔުންތައް އެ އޮފީހަށް ފޮނުވުމަށް ކަނޑައެޅިފައިވާ އީމެއިލްއަށް އެ ދުވަހާއި ޖެހިގެން އައި ދުވަހުވެސް ހައިކޯޓުން އެކި އީމެއިލްތައް ކޮށްފައި ހުރި ނަމަވެސް، އެ މައްސަަލައާ ގުޅޭ އީމެއިލް ލިބިފައި ނުވާކަމަށެވެ.
"އެހެންކަމުން މި ނިންމުން މުރާޖައާކުރުމަށް މި އޮފީހުން ހުށަހަޅާނަމެވެ. އަދި މި ނިންމުމަކީ ހައިކޯޓުން އިސްވެ މުރާޖަޢާކުރައްވަންޖެހޭ ނިންމުމެއްކަމަށް ދެކެ މެވެ." ޕީޖީން ބުނެފައިވެ އެވެ.
"މަސްޖަރީ" ނަމަކަށް ކިޔާ ކަންނެލި ދޯންޏަކުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ޓްރެފިކް ކުރި ކަމުގެ ތުހުމަތުގައި އިރުފާނާއެކު 13 މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ.