ށ. މިލަންދޫގައި އެއާޕޯޓެއް އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
އެ ރަށުގައި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި އެއާޕޯޓު ތަރައްގީކޮށް ހިންގުމާ ގުޅޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފެވެ.
އެއަށްފަހު އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ.
އެއާޕޯޓު މަޝްރޫއުގެ އިތުރުން އެ ރަށުގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅާފައިވެ އެވެ. 30 އެނދުގެ ހޮސްޕިޓަލާއި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ވެސް މިއަދު ފަށާފައިވެ އެވެ. ފުޓްސަލް ދަނޑާއި ވޮލީ ކޯޓެއް ވެސް އެ ރަށުގައި ވަނީ ހުޅުވާފަ އެވެ.