ށ. ފުނަދޫ އެއާޕޯޓުގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ރޭ އިފްތިތާހުކޮށްފި އެވެ.
މި މަޝްރޫއު އިފްތިތާހުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފުނަދޫއަށް ވަޑައިގެންނެވުމުން ނެވެ. ރައީސް ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެ މަސައްކަތް ކުރާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް ވިދާޅުވިގޮތުގައި މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ކުރާނެ މަސައްކަތަކީ، ރޭގަނޑު ފްލައިޓު ޖެއްސޭނެ ގޮތް މަގުފަހިކުރުމަށް ލައިޓު ހަރުކުރުމެވެ.
" އެނގިވަޑައިގަންނަވާނެ ބަލި މީހުން ވެސް އުފުލާ އެއާޕޯޓެއް މިއީ. މިހާރު މިތަނަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ރޭގަނޑު ފްލައިޓު ޖެއްސޭ ގޮތަށް ލައިޓެއް ނެތުން." އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އަންނަ ޑިސެމްބަރުގެ ކުރިން އެ މަސައްކަތް ނިންމޭނެ ކަމަށެވެ.
މީގެއިތުރުން، އެ އެއާޕޯޓުގެ ޓްރެފިކް އިތުރުކުރުމަށްޓަކައި ފަސިންޖަރުން އެއާޕޯޓުގައި މަޑުކުރާނެ ލައުންޖަކާއި ރެސްޓޯރެންޓެއް ގާއިމުކުރެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ލަގެޖް ބެލްޓެއް ވެސް އެއާޕޯޓަށް އިތުރުކުރަން ނިންމާފައިވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތް ޑިސެމްބަރުގެ ކުރިން ފަށަން މަސައްކަތް ކުރައްވާ ކަމަށެވެ.
2020 ވަނަ އަހަރު ހުޅުވި ފުނަދޫ އެއާޕޯޓަކީ ށ. އަތޮޅުގައި އޮންނަ ހަމައެކަނި އެއަރޕޯޓެވެ. 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް އޮންނަ މި އެއާޕޯޓު ތަރައްގީކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ.