ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފެހައްޓާފައި ހުރި ސިނގިރެޓު ވަގަށް ނެގި މައްސަލާގައި މިފްކޯގެ މުއާޒް އަލީއާއި، ކަސްޓަމްސްގެ ޒިވާރު ސަސްޕެންޑުކޮށްފި އެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓް ގެއްލުނު މައްސަލާގައި ދެން ހައްޔަރުކުރީ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި މިފްކޯގެ އިސް މަމާގެއްގައި ހުރި މުއާޒް އަލީ އެވެ.
މީގެ ތެރެއިން މުއާޒަކީ ކަސްޓަމްސްގެ ކުރީގެ ސުޕްރިންޓެންޑެންޓް އެއްގެ މަގާމުގައި ހުރި މީހެކެވެ. މިހާރު އޭނާ ހުރީ ިންޖިނިއަރިންގ އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރގެ މަގާމުގަ އެވެ.
އެކަމާ ގުޅިގެން މިފްކޯ އާއި ކަސްޓަމްސް އިން ބުނީ ޖިނާއީ މައްސަލަތަކެއް ބަލަމުންދާތީ އެ ދެމީހުން ވެސް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. މިފްކޯއިން ބުނި ގޮތުގައި މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒް ސަސްޕެންޑްކުރީ އެއް މަސް ދުވަހަށެވެ. އަދި، މުއާޒް ސަސްޕެންޑްކުރީ، އޭނާއާ ގުޅުން ހުރި މައްސަލަތަކެއް، ދައުލަތުގެ އިދާރާތަކުން ބަލަން ފަށާފައިވާއިރު، އެ ކަންކަން އިދާރީ ގޮތުން މިފްކޯއިން ތަހުގީގުކުރަމުން ދާތީ ކަމަށްވެސް މިފްކޯއިން މައުލޫމާތު ދިނެވެ.
މީގެއިތުރުން، ކުންފުނީގެ މަސައްކަތްތަކަށް ބުރޫނާރާނެކަން ކަށަވަރު ކުރެއްވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަށް އަޅާ، އިންޖިނިއަރިން ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް، މެނޭޖަރ މުހައްމަދު ޝަމީމާއި ވަނީ ހަވާލުކުރައްވާފަ އެވެ. އަދި އިންޖިނިއަރިން ޔުނިޓް ވަނީ ކޮންސަލްޓެންޓް އިންޖިނިއާ އުބައިދުﷲ ހުސައިންއާ ހަވާލުކުރައްވާފައި ކަމަށްވެސް މިފްކޯއިން ބުންޏެވެ.
މިފްކޯއިން ބުނީ މިއީ އެ ކުންފުންޏާ ގުޅުމެއް ނެތް މައްސަލައެއް ނަމަވެސް އެތަނުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހާތްތެރިކަމާ ގުޅޭ މައްސަލަތައް އެތަނުން ވަރަށް ސީރިއަސްކޮށް ނަގާ ކަމަށެވެ. ކުންފުނީގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށް ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.
މީގެއިތުރުން، ކަސްޓަމްސްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މައްސަލައިގައި ހިމެނޭ، ސުޕްރިންޓެންޑެންޓް ޒިވާރު މިއަދުން ފެށިގެން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި ތަހުގީގަށް ފާހަގަކުރެވޭ ކަންކަމަށް ބަލައި، އިތުރު ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް އެތަނުން ބުންޏެވެ.
ރާއްޖެ އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި ސިނގިރޭޓް ދެ ކޮންޓެއިނަރުގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ނެތް ކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ. އެ ހިސާބުން އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މިއާއެކު ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ ތަހުގީގަސް އެ ސާވިސް އިން ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.
ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށް، 12 މީހަކު ވަނީ ފުރުން މަނާކޮށްފަ އެވެ. އެގޮތުން، އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް ހައަޔަރުކުރި އެވެ.