އައްޑޫސިޓީ ކައުންސިލް އެކުލެވިފައިވާގޮތާ ގުޅޭގޮތުން އެ އަތޮޅުގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ ވޯޓުގައި ރީ ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލާފައިވަނީ މިއަދު ހަވީރު 6:00 އާ ހަމައަށް ކަމަށް ބުނެފަ އެވެ. އެ ކޮމިޝަނުން ބުނިގޮތުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތައް މިހާރު ރަޖިސްޓްރީވެފައިވާނީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީކުރި ތަނެއްގައި ކަމަށެވެ. އަދި ހުޅުމާލެ އާއި ވިލިމާލޭގައި ރަޖިސްޓްރީކުރި ފަރާތްތައް ރެޖިސްޓްރީ ކުރެވިފައިވަނީ މާލެއަށްއަށް ކަމަށެވެ. މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ފިޔަވައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް، އެފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައިވާނެ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.
ވޯޓުލާން ދާންޖެހޭ ތަން ޗެކްކުރަން ބޭނުންވާ މީހުން VR (Space) NID No ޖެހުމަށް ފަހު 1414 އެސްއެމްއެސް ފޮނުވައިގެން ނުވަތަ pprvr.elections.gov.m މެދުވެރިކޮށް ބަލާލެވޭނެ އެ ކޮމިޝަނުން މައުލޫމާތު ދިނެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ، 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' (form.elections.gov.mv) ނުވަތަ 'މައި ޕޯޓަލް' (my.elections.gov.mv) މެދުވެރިކޮށް އޮންލައިން ކޮށެވެ. 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެ އެވެ. ރީ-ރަޖިސްޓްރޭޝަން ކުރުމަށް 'މައި ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ދެފުށުގެ ފޮޓޯ ހުށަހަޅަން ނުޖެހޭނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން އައްޑޫގެ ފޭދޫ، ހުޅުދޫ އާއި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ކަނޑައެޅުއްވުމުން މި މަހުގެ 25ވަނަ ދުވަހު އެ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އެހެންވެ ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓްރީ އޮތްތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާނަމަ އެ ފުރުސަތު މިހާރު އެ ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.