އުރީދޫ މޯލްޑިވްސް އާއި ޕޭޕަލް ގުޅިގެން ދިވެހިރާއްޖޭގައި ޕޭޕަލްގެ ހިދުމަތް އަންނަ އަހަރު ތައާރަފު ކުރަން ނިންމައިފި އެވެ.
އުރީދޫއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އަށް ޕޭޕަލްގެ ޚިދުމަތް ގެނައުމަށްޓަކާ އެ ދެ ކުންފުނީގެ ދެމެދުގައި ޕާޓްނާޝިޕް ރަސްމީކޮށް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އުރީދޫން ބުނީ ޕޭޕަލް ހިދުމަތާއިއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭޕާލް ގެ ހިދުމަތް ގަބޫލުކުރާ ކޮންމެ ވިޔަފާރިއަކާއެކުވެސް ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށްވެސް ވިޔަފާރި ކޮށް، ޕޭޕަލް އަދި އެމްފައިސާ އެކްއުންޓް ތަކުން ފައިސާގެ މުއާމަލާތް ކުރެވިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ކަސްޓަމަރުންނާ ހަމައަށް ވާސިލުވެ، ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ބުނެފައިވެ އެވެ.
ޕޭޕަލް ފަދަ ޒަމާނީ ޕޭމެންޓް ހިދުމަތްތައް ތައާރަފު ކުރުމަކީ މި ސަރުކާރުގެ ވައުދަކަށްވާއިރު، އުރީދޫގެ ޕާޓްނާޝިޕާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އުރީދޫ ފިންޓެކް އަދި ޕޭޕާލް ގުޅިގެން ޕޭޕާލް ވޮލެޓް އަދި އެމްފައިސާ ވޮލެޓް ގުޅާލެވުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ދިވެހިންނަށް އެތައް ފައިދާތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީއިން ނެރުނު ބަޔާނުގައި ބުނީ ޕޭޕަލް ތައާރަފު ކުރުމުގެ ހުރިހާ ކަމެއް ހަމަޖެހުނީ ވަރަށް ގިނަ ދަތިތައް ކަޑައްތު ކުރި ފަހުން ކަމަށެވެ. މި ހިދުމަތް ތައާރަފު ކުރުމަށްޓަކައި ޕޭޕަލް އަދި ކަމާ ގުޅޭ ފަރާތްތަކާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ފާއިތުވި ދެ އަހަރުގެ ތެރޭގައި ކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ.
2026 ވަނަ އަހަރު ތައާރަފުކުރުމަށް ހަމަޖެހިފައިވާ މި ހިދުމަތުގެ ސަބަބުން، ރާއްޖޭގެ ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭޕާލްގެ ޚިދުމަތް ގަބޫލުކުރާ ހުރިހާ ވިޔަފާރިތަކަކާއެކު މުއާމަލާތްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.