ވަގަށް ނެގި ސިނގިރެޓުތަކުގެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފި

Image3

ވަގަށް ނެގި ސިނގިރެޓުތަކުގެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފި

SHARE

ވަގަށް އެތެރެކުރަނިކޮށް، ކަސްޓަމްސް އިން ހިފަހައްޓައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހުޅުމާލޭ ބަނދަރުގައި ބަހައްޓާފައިހުރި ސިނގިރެޓްތައް ގެއްލުނު މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި ހުރީ ބަހައްޓާފަ އެވެ. އެ ސިނގިރެޓު ވަގަށް ނަގާފައިވާކަން އެނގުނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ.

އެ މައްސަލާގެ ތަހުގީގު މިހާރުކުރިއަށްދާއިރު ފުލުހުން ވަނީ އެކަމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ 4 މީހަކު ހައްޔަރުކޮށްފައިވާކަން ހާމަކޮށްފަ އެވެ. އެ ހަތަރު މީހުންނަކީ 2 ވިޔަފާރިވެރިންނާއި، ކަސްޓަމްސްގެ އިސް މުވައްޒަފަކާއި އިތުރު މީހެެކެވެ. ނަމަވެސް އެމީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރުށްފައިވާ ވިޔަފާރިވެރިންނަކީ އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް ހ. ނިއުހެޕިނަސް، މުއާޒު އަލީ އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ. މީގެ ތެރެއިން މުއާޒަކީ މިހާރު މިފްކޯގެ އިސް ވެރިއެއްގެ މަގާމުގައި ހުރި މީހެކެވެ.

މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި، ތަންތަން ބަލައި ފާސްކޮށްފައިވެ އެވެ. މި މައްސަލައާ ގުޅޭ އޮޕަރޭޝަނެއް ރޭ ވެސް ކުރިއަށްދިޔަ ކަމަށް ފުލުހުން ބުންޏެވެ.

ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް ހިފަހައްޓާފައި ވަނީ 1،360 ކޭސް ސިނގިރޭޓެވެ. 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. އެއީ 13.6 މިލިއަން ސިނގިރޭޓެވެ. މި ސިނގިރޭޓަށް 122 މިލިއަން ރުފިޔާގެ ޑިއުޓީ ދައްކަން ޖެހޭނެ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފައިވެ އެވެ.