ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އެފްޓީއޭއެއް ނެތް: މިނިސްޓަރު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އެފްޓީއޭއެއް ނެތް: މިނިސްޓަރު

SHARE

ދިވެހި ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް (އެފްޓީއޭ) އަމަލުކުރަން ނިންމި ކަމެއް އެއްވެސް ލިޔެކިޔުމަކުން ފެންނަން ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރު ސައީދު ހާޒިރުކުރެވުނީ ގަލޮލު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ސުވާލަކާ ގުޅިގެން ނެވެ.

މެމްބަރު މިނިސްޓަރާ ސުވާލުކުރެއްވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ 24 % އިން 20% އަށް ކުޑަކޮށް، އެ ޑިއުޓީ އެއްކޮށް ކަނޑާލުމަށް މަޝްވަރާކުރެވުނު ފްރީޓްރޭޑް އެއްބަސްވުމަށް މި އަހަރު އަމަލުކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެ، އެ މަސައްކަތް އޮތް މަރުހަލާއާ ގުޅިގެން ނެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މަހުން ނަގާ ޑިއުޓީ ކުޑަކުރުމަށް ދިވެހި ސަރުކާރުން އެންމެ ފުރަތަމަ ހުށަހެޅީ، ޔޫރަޕިއަން ޔޫނިއަނުން އިނގިރޭސިވިލާތް ވަކިވާން ނިންމުމާއެކު 2016 ވަނަ އަހަރުގެ އޮކްޓޯބަރުގައި ކަމަށެވެ.

" ވީމާ އެއީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިނގައިދިޔަ ކަމެއް ނޫން" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި 'ބްރެކްސިޓް’ގެ ކުރިން އިނގިރޭސިވިލާތުން 24% ގެ ޑިއުޓީއެއް ނަގަމުން ދިޔަ އެވެ. އޭގެފަހުން ނަގަމުންދަނީ 20% ގެ ޑިއުޓީއެއް ކަމަށް ވިދާޅުވި އެވެ.

"މިއީ ޕްރިފަރެންޝަލް އެއްބަސްވުންތައް ނުހުންނަ ހުރިހާ ގައުމަކަށްވެސް ޔޫކޭއިން ނަގާ އާއްމު ޓެރިފް." ސައީދު ފާހަގަކުރެއްވި އެވެ.

އެހެންވެ، އެއީ ދިވެހި ސަރުކާރުން މަޝްވަރާކޮށްގެން ހޯދި ޓެރިފެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މެމްބަރުގެ ސުވާލުގައި ވިދާޅުވީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ވެސް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އަމަލުކުރަން 2025 ވަނަ އަހަރު ފަށާނެ ކަމުގެ ޔަގީންކަމެއް އިނގިރޭސިވިލާތުން ދީފައިވާކަން މިނިސްޓްރީގެ އެއްވެސް ލިޔެކިޔުމަކުން ފެންނަން ނެތް ކަމަށެވެ. އަދި އެގޮތަށް މެމްބަރު ސުވާލުކުރެއްވީ ކީއްވެގެންކަން ސާފުކޮށްދެއްވައިފިނަމަ، ޖަވާބުދެއްވަން  ފަސޭހަވެގެންދާނެކަމަށް ވިދާޅުވި އެވެ.