ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ހުސްވެފައިވާ 4 މެމްބަރުންގެ މަގާމަށް ބޭފުޅުން އައްޔަނުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވި ބޭފުޅުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެންއައިސީއަށް އައްޔަނުކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނަން ފޮނުއްވި ބޭފުޅުންނާ އިންޓަވިއުކުރުމަށްފަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ވޯޓަށް އަހާފަ އެވެ.
ކޮންމެ މެމްބަރަކަށް ވެސް ވޯޓަށް އެހީ ވަކިވަކިން ނެވެ. އެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީނީ:
- ޝުއައިބު އަބްދުއްރަހްމާން، ދަފުތަރު ނަންބަރު ރސ. 1188: 50 ވޯޓު
- ޝިފާޒް އަލީ، ދަފުތަރު ނަންބަރު ރސ. 12854: 51 ވޯޓު
- އަލީ މުހައްމަދު މަނިކު، ދަފުތަރު ނަންބަރު ރސ. 1851: 51 ވޯޓު
- ފާތިމަތު ޝަރީފް، މާކޯޅި، ގދ. ތިނަދޫ: 50 ވޯޓު
ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެންއައިސީއަށް މެންބަރުންތަކެއް އައްޔަނު ކުރަން މަޖިލީހުން ރުހުންދީފައި ވަނީ އެ ކޮމިޝަނުގައި ތިއްބަވާ ހަތަރު މެންބަރުންގެ މަގާމުގެ މުއްދަތު މިމަހުގެ 26 އަށް ހަމަވާތީ އެވެ. މަގާމުގެ ދައުރު ހަމަވަނީ ކޮމިޝަނުގެ ރައީސް، ގާސިމް އަބްދުލްކަރީމް އާއި ނައިބުރައީސް، އާއިޝަތު ނިއުޝާގެ އިތުރުން މެންބަރު، އާމިނަތު ޝާދިޔާ އަދި ލިސްޓުގައި ހިމެނެނު ޝުއައިބު އަބްދުއްރަހްމާން ގެ އެވެ.