ނޫމަރާ އިންޖީނުގޭގެ މަސައްކަތް އަންނަ ރޯދައިގެ ކުރިން ނިންމާނެ

ށ. ނޫމަރާގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)

ނޫމަރާ އިންޖީނުގޭގެ މަސައްކަތް އަންނަ ރޯދައިގެ ކުރިން ނިންމާނެ

SHARE

ށ. ނޫމަރާ އިންޖީނުގެ އެހެން ސަރަހައްދަށް ބަދަލުކުރުމަށް ހިންގާ މަޝްރޫއު އަންނަ ރޯދަ މަސް އައުމުގެ ކުރިން ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަން މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުގެ ފުރަތަމަ މަންޒިލަކީ އެ އަތޮޅު ނޫމަރާއެވެ. ނޫމަރާއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ ރަށުގެ ތަރައްގޫގެ މަޝްރޫއުތަކުގައި ކުލަ ޖައްސައިދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ސަރުކާރުން އަލަށް ފަށާ މަޝްރޫއުތަކާއި އެ ރަށުގައި ހުއްޓިފަ ހުރި މަޝްރޫއުތައް ވެސް އަލުން ފަށައިގެން ބާރު ސްޕީޑުގައި ކުރިއަށްގެންދާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން އެ ރަށުގެ އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ހިންގާ މަޝްރޫއު އަންނަ ރޯދަ މަހުގެ ކުރިން ނިންމާނެ ކަމުގެ ޔަގީންކަން ފެނަކައިން ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެގޮތަށް ފެނަކައިގެ އެމްޑީ ޔަގީންކަން ދެއްވާފަ އޮތީމަ އަޅުގަނޑު ހަމަ އެ ވާހަކަ ދަންނަވާލީ. އަޅުގަނޑު އެންޝުއާ ކޮށްދޭނަން ސަރުކާރުގެ ތެރެއިން ފެނަކަ އަށް ބޭނުންވާ ކަމެއް ވެއްޖިއްޔާ ފަހިކޮށްދޭން. " ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން އެ ރަށަށް އާރުޓީއެލް ފެރީ އިން ދަތުރުކުރަން ހޭދަވާ ވަގުތު ކުޑަކުރުމަށް ވެސް މަޝްވަރާކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ އެ ރަށު ރައްޔިތުންގެ ކަންބޮޑުވުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.