މިދިޔަ ސަރުކާރުގެ އުސޫލާ ހެދި 645 މީހުންގެ ބޯހިޔާވަހިކަން ގެއްލޭ: މިނިސްޓަރ

2025-10-12 20.27.15

މިދިޔަ ސަރުކާރުގެ އުސޫލާ ހެދި 645 މީހުންގެ ބޯހިޔާވަހިކަން ގެއްލޭ: މިނިސްޓަރ

SHARE

ގެދޮރުވެރިޔާ ސްކީމްގެ އުސޫލުތައް ކުރީ ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން ބޯހިޔާވަހިކަން ނެތް އާއިލާތަކަށް 645 ފްލެޓު ގެއްލޭ ކަމަށް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން މީގެކުރިން ހިންގާފައިވާ ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ދެމަފިރިންގެ ތެރެއިން އެކަކަށް ވެސް ފްލެޓު ލިބިފައިވާ ނަމަ، އިތުރު ސްކީމެއްގެ ދަށުން ވެސް ފްލެޓު ލިބޭ ގޮތަށް އޮތް އޮތުމަކީ ކަންބޮޑުވުމެކެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ވެސް އެގޮތަށް 900 އަށް ވުރެ ގިނަ މީހުންނަށް ފްލެޓު ލިބިފައިވެ އެވެ.

ރައީސް އޮފީހުގަ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގަ އަމަލުކުރަމުންދާ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ދެމަފިރިންގެ ތެރެއިން އެކަކަށް އެހެން ސްކީމަކުން ބޯހިޔާވަހިކަން ލިބިފައިވާނަމަ އިތުރު ސްކީމަކަށް ކުރިމަތިނުލެވޭނެ ކަނޑައަޅާފައިނުވާ ކަމަށެވެ. އެހެންވެ، ގެދޮރުވެރިޔާ ސްކީމާ ގުޅޭ އުސޫލުގައި ވެސް އޮތީ އެހެން ސްކީމަކުން ބޯހިޔާވަހިކަން ލިބިފައިވާ ދެމަފިރިންނަށް ވެސް ފުރުސަތު ލިބޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރުގަ އަމަލުކޮށްފަހުރި ގޮތުން ހިޔާ ފްލެޓުން ލިބިފަ ހުރީ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް. އެހެން ތަނަކުން ލިބިފަ ހުރީ، ހަމަ އެ ފަރާތްތަކުގެ ފިރިމީހާއާއި އަނބިމީހާއަށް އެބަހުރި ދީފަ މި ސްކީމުން. ސޮއިވެސް ކޮށްފަ އެބަހުރި."

މިނިސްޓަރ ވިދާޅުވީ އުސޫލު އޮތް ގޮތުން އެމީހުން މިހާރު ލިސްޓުން އުނިކުރެވޭކަށް ނެތެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން އެފަރާތްތަކާ އެކު އެއްބަސްވުން އެކުލަވާނުލި ނަމަ، ބޯހިޔާވަހިކަން ނެތް އާއިލާތަލަށް 645 ފްލެޓު ހުސްކުރެވުނީ ހެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން އެއް އާއިލާއަކަށް ދެ ތަނެއް ލިބެން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ގާނޫނީ ގޮތުން ވެސް އެކަން ހުއްޓުވަން މަސައްކަތް ކުރެއްވި ނަމަވެސް އެއީ ކުރެވެން އޮތް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް މީގެކުރިން ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ފްލެޓު ލިބިފައިވާ 976 ފަރާތެއް ލިސްޓުގައި އެބަހިމެނޭ. އެހެންނަމަވެސް މި ދެންނެވި 976 ފަރާތުގެ ތެރެއިން، މީގެ ތެރޭގައި އެބަތިބި 76 މާކްސް ލިބިފަވާ 645 ފަރާތެއް. " މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެމަފިރިންގެ ތެރެއިން އެކަކަށް ބޯހިޔާވަހިކަން ލިބިފައިވާނަމަ، އިތުރު ސްކީމެއްގެ ދަށުން ފްލެޓު ނުލިބޭ ގޮތަށް ގާނޫނީ ގޮތުން ޔަގީން ކުރެވުނު ނަމަ އިތުރު 645 މީހަކަށް ފްލެޓު ދެވުނީހެވެ.

މިނިސްޓަރު ވިދާޅުވީ އެގޮތަށް ކުރީ ސަރުކާރުން ދީފަހުރި ފްލެޓުތައް އަތުނުލެވޭ ސަބަބަކީ، އެމީހުންނާއެކު އެއްބަސްވުން ހަދައި ސޮއިކޮށްފައިވުމެވެ. އަދި މިހާރުގެ އުސޫލު އޮތް ގޮތުން އެކަން ކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ.