ސަރުކާރުގެ އަމާޒަކީ އިސްލާމްދީނުގެ ހިދާޔަތުގެ ދަށުގައި ރާއްޖޭގަ އިސްލާމީ އަގީދާ ބިނާކުރާނެ ވަރުގަދަ ލީޑާޝިޕެއް ބިނާކުރުންކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއިން ޒަމާނަކު ކީރިތި ގުރުއާނަށް ސަރުކާރު ފެންވަރުގައި ނުދެވޭ ވަރުގެ އިސްކަމެއް މިހާރު ދެމުންދާ ކަމަށެވެ. އަދި ރާއްޖޭގައި ކީރިތި ގުރުއާން ކިޔެވުމުގެ ފަންނަށް އަންނަމުންދާ ބަދަލުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ލިބުނުތާ 900 އަހަރު ވެގެންދިޔައިރު އެންމެ ބޮޑަށް ކީރިތި ގުރުއާން ފެތުރުމަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރަމުންދަނީ މި ދުވަސްވަރުކަން ވެސް ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ޝަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރު ރާއްޖޭގައި 24 ހާފިޒުން ކީރިތި ގުރުއާން ހިތުދަސްކޮށްފައިވާއިރު، އަންނަ އަހަރު މި އަދަދު 50 ހާފިޒުންނަށް އިތުރުކުރެވޭނެ އެވެ. އަދި ސަރުކާރުގެ އަމާޒަކީ މިދައުރު ނިމޭއިރު ގުރުއާން ހިތުދަސް 500 ހާފިޒުންނާއި 1000 ޒުވާން ހަތީބުން ތަމްރީނުކުރުންކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަދި މުބާރާތުގެ ވަނަތަކަށް ދޭ ފައިސާގެ އިނާމުގެ އަގު ބޮޑުވެ، ޝަރަފުވެރި އެއްވަނަ ހޯދާ ދަރިވަރުންނަށް ބޭނުން ދާއިރާއަކުން ބޭނުން ގައުމަކުން ކިޔެވުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގެ ދަށުން ލިބިގެންދާނެކަންވެސް ފާހަގަކުރެއްވި އެވެ.