ސަރުކާރުގެ ހަރަދުގައި އަންނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ފޮނުވާ 50 ހައްޖުވެރިންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ސަރުކާރުގެ ހަރަދުގައި މި އަހަރު ހައްޖަށް ފޮނުވާނެ މީހުން ކަނޑައެޅީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ގުރަކުން ނެވެ. އެ ގުރުއަތުގައި އެއްވެސް ސަބަބެއް މެދުވެރިވެ ނުދެވިއްޖެ ހާލަތެއްގައި ދާނެ ފަރާތްތަކުގެ ގޮތުގައި 25 މީހަކު ހޮވާފައިވެ އެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ އެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފަ އެވެ. އެގޮތުން މިނިސްޓްރީއަށް މެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށް ބުނެފައިވެ އެވެ.
ގުރުއަތުން ހޮވުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އާއްމު ކުރާނީ މިނިސްޓްރީން ބުނިގޮތުގައި ހުށައެޅޭ ޝަކުވާތަކަށް ބެލުމަށްފަހު އެވެ.
ރިޔާސީ ދައުރުގެ ތެރޭގައި ޖުމްލަ 1000 ފަގީރުން ހައްޖަށް ފޮނުވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުގެ ދަށުން އެންމެ ފުރަތަމަ ފަގީރުން ހައްޖަށް ފޮނުވަން ފެށީ 1445 ވަނަ އަހަރެވެ.