ޒިންމާދާރުކަމާ އެކު އިލްމު ފޯރުކޮށްދިނުމަށް ނައިބު ރައީސް ގޮވާލައްވައިފި

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް

ޒިންމާދާރުކަމާ އެކު އިލްމު ފޯރުކޮށްދިނުމަށް ނައިބު ރައީސް ގޮވާލައްވައިފި

SHARE

ޒިންމާދާރުކަމާއި ހިކުމަތްތެރިކަމާ އެކު އިލްމު ފޯރުކޮށްދިނުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ގޮވާލައްވައިފި އެވެ.

އިސްލާމިކް ޔުނިވާސިޓީގައި މިއަދު ހެނދުނު ކުރިއަށްދިޔަ، "ސެމިނާ އޮން އިސްލާމިކް ލީޑަރޝިޕް އެންޑް އިންޓަރގްރޭޝަން އޮފް ނޮލެޖް" އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ތައުލީމީ ދާއިރާ ހަރުދަނާ ކުރެއްވުމަށާއި، އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަަށެވެ.

އެއީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) އާއި، އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް (އައިއައިއައިޓީ) ގުޅިގެން ބާއްވާ ސެމިނާ އެކެވެ. އިސްލާމީ ލީޑަރޝިޕްގެ މައުލޫމާތު އިތުރުކުރުމާއި، އިލްމާއި ޒުވާނުންގެ ލީޑާޝިޕް އިތުރަށް ހަރުދަނާކުރުމުގެ މަގްސަދުގައި ބާއްވާ މި ސެމިނާގައި ރާއްޖެއާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ މަންދޫބުން ބައިވެރިވެ އެވެ.

އިލްމާއި ރިވެތި އަހުލާގުގެ މައްޗަށް ބިނާވެފައިވާ މުޖްތަމައެއް ބިނާކުރުމަކީ، ގައުމު ކުރިއެރުވުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ އިލްމު ފޯރުކޮށްދިނުމަކީ ހަމައެކަނި މަޢުލޫމާތު ބަދަލުކުރުން ނޫން ކަމަށާ، އެއީ އެކަމުގެ ތެރެއިން ޙިކުމަތްތެރިކަމާއި ޒިންމާދާރުކަން އަށަގަންނުވާ ކަމަކަށް ވާންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ނައިބު ރަައީސް ވިދާޅުވީ އެ ސެމިނާއަކީ ގާބިލު ލީޑަރުން ބިނާކުރުމުގެ ގައުމީ ތަސައްވުރާއި ވަރަށް ބޮޑަށް ގުޅިފައިވާ، އަދި އީމާންކަމާއި އިލްމާއި، އަހުލާގު ހިމެނޭ ތައުލީމަށް ހިތްވަރު ދޭ ސެމިނާ އެއް ކަމަށެވެ. އެމަނިކުފާނު ވަނީ އިސްލާމީ އަދި އިންސާނީ އުސޫލުތައް ކުރިއަރުވައި، ޖަމާއަތްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރާ މިފަދަ މަސައްކަތްތަކަކީ ރާއްޖެއިން ބަލައިގަންނަ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.