ފާއިތުވި ހަފްތާގައި ފުލުހުންނަށް ހުށަހެޅުނު ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން ދެ ލައްކައަށް ވުރެ ގިނަ ފައިސާ ހޯދައިފި އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާއްމުކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ސެޕްޓެންބަރު މަހުގެ 28 އިން އޮކްޓޫބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 42 މައްސަލައެއް ހުށަހެޅި އެވެ. މި މައްސަލަތަކުގައި ޖުމްލަ 318،342.50 ރުފިޔާ ގެއްލިފައިވާއިރު އޭގެ ތެރެއިން 221،243.33 ރުފިޔާ އަނބުރާ ހޯދާފައިވެ އެވެ.
މި މުއްދަތުގައި އެންމެ ގިނައިން ފުލުހުން ބުނިގޮތުގައި ހުށަހަޅާފައިވަނީ، އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން އެފަދަ 19 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. ކަރަންސީ އެކްސްޗޭންޖުގެ 6 މައްސަލައެއް ހުށަހެޅި އިރު، އިމްޕާސޮނޭޝަންގެ 7 މައްސަލައަކާއި ފިޝިން، ވިޝިން އަދި ޖޮބް ސްކޭމްގެ 3 މައްސަލައަކާއި އެހެނިހެން 7 މައްސަލައެއް ހުށަހަޅާފައިވެ އެވެ.
ސްކޭމް ހިންގުމަށް އެންމެ ގިނައިން ބޭނުން ކުރަނީ ފޯންކޯލް، އައިބޭ، އޮންލައިން މެސެޖިންގ މަންސަތައް، ފިޝިންގ ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސްއެވެ.
ފުލުހުން އިލްތިމާސްކޮށްފައިވަނީ ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓާ އޮތެންޓިކޭޝަން ހެދުމަށެވެ.
"އަދި ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުންކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެކަމެއްކަމަށް އެސެންޓަރުން މައުލޫމާތު ދެއެވެ." ފުލުހުން ބުނެފައިވެ އެވެ.