ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ، ސަފީރު ކޮންގް ޝިއަންހުއާ އަންގާރަ ދުވަހު ބައިސްކޯފު މިއުޒިއަމްއަށް ޒިޔާރަތްކުރައްވައި ރާއްޖޭގެ ތަރިކަ އާއި ސަގާފަތް ރައްކާތެރިކުރުމަށް ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.
'އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި އެމްބެސެޑަރު ވިދާޅުވީ މި މިއުޒިއަމުން ވަރަށް ޝައުގުވެރި ކަންކަން ފެނުނުކަމަށާއި އެ ގައުމެއްގެ ތާރީހާއި، ތަރިކަ ރައްކާތެރިކުރުމަކީ އެއްބައެއްގެ ޒިންމާއެއް ކަމަށެވެ.
ބައިސްކޯފު މިއުޒިއަމުން ދައްކުވައިދެނީ ރާއްޖޭގެ ތާރީހާއި ސަގާފަތެވެ. އެ މިއުޒިއަމް އަކީ ދަރިވަރުންނާއި ފަތުރުވެރިންނާއި، އާންމުންނަށް ރާއްޖޭގެ ތަރިކަ އާއި ސަގާފަތް ދައްކާލުމަށް ފަރުމާކޮށްފައިވާ ތަނެކެވެ.
ސަފީރު ކޮންގް ވަނީ މިފަދަ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ވެސް ކުރިއަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް މިދިޔަ ޖޫން މަހު އެ މިއުޒިއަމް އަށް ޒިޔާރަތް ކުރެއްވި އެވެ. އެމަނިކުފާނު ވެސް ވަނީ ރާއްޖޭގެ ސަގާފަތާއި ތަރިކަ ހިމާޔަތް ކުރުމަށް ބައިސްކޯފުން ކުރާ މަސަތްކަތަށް ތައުރީފު ކުރައްވާފަ އެވެ.