އައްޑޫގަ ނަގާ އާއްމު ވޯޓު މި މަހުގެ 25 ގައި

އައްޑޫ މީދޫ

އައްޑޫގަ ނަގާ އާއްމު ވޯޓު މި މަހުގެ 25 ގައި

SHARE

އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާއްމު ވޯޓު، މި މަހުގެ 25 ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާނުކޮށްފި އެވެ.

މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ވާގޮތުން މި މަމަހުގެ 25 ވާ ހޮނިހިރު ދުވަހުގެ 08:00 އިން 16:00 އަށެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެންނަން ބޭނުންވާ ކަމަށް އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހުށަހަޅުއްވާފަ އެވެ. މިކަމާ ގުޅިގެން އައްޑޫ ސިޓީގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ އިންތިޒާމު ހަމަޖެއްސުމަށް އެމަނިކުފާނުގެ ކެބިނެޓުން ނިންމީ މިދިޔަ ހޯމަ ދުވަހު އެވެ.  މި ވޯޓުގައި އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ އާއި އައްޑޫ ހުޅުދުއާއި އައްޑޫ މީދޫ، އެއް ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި އައްޑޫ ހުޅުމީދޫ ކައުންސިލް އުފައްދަން ފެނޭތޯ ބަލާނެ އެވެ.

އިލެކްޝަނުން ބުނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހު ވޯތު ގުނާނެ ކަމަށެވެ. ވޯޓު ނަގާ ދުވަހު އިންސާނީ ބާރު އެކަމެއްގެ މައްޗަށް ނުހިނގާ ކަމެއް ދިމާވެގެން ވޯޓުލުން މެދުކެނޑި ނުވަތަ ވޯޓުލުމަށް މީހުން ނުކުތުމަށް ހުރަސްތަކެއް ދިމާވެގެން ނޫނީ ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު އިތުރެއް ނުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ. މި ވޯޓުގެ ރަސްމީ ނަތީޖާ މި މަހުގެ 26 ވަނަ ދުވަހު އިއުލާނުކުރާނެ އެވެ.

އާންމު ވޯޓުގެ ކުރިން، ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫ ސިޓީގެ ރަށްރަށުގެ އިހްތިސާސަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށްޓަކައި، ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ދަށުން މިނިސްޓްރީ ލެވެލްގެ ޓީމެއް އެކުލަވާލުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މި ޓީމުގައި އައްޑޫގެ ކޮންޓެކްސްޓް އެނގިވަޑައިގަންނަވާ ބޭފުޅުން ހިމެނޭ ފަންނީ ޓީމެއް އެކުލަވާލައިގެން އައްޑޫ ސިޓީގެ ރަށްރަށުގެ އިހުތިސާސާ ގުޅޭ މަސައްކަތްތައް ފަށާނެ އެވެ.