މަންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ފަށައިފި

އދ. މަންދޫ

މަންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ފަށައިފި

SHARE

އދ. މަންދޫގެ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ މަންދޫއަށް މިއަދު ވަޑައިގެންނެވުމުން ބޭއްވި ރަސްމިއްޔާތުގަ އެވެ. މި ރަސްމިއްޔާތުގައި ސިއްހީ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން، 16 އެނދުގެ އިމާރާތެއް އިތުރުކުރާނެ އެވެ. މި އިމާރާތުގަ ޓްރައިއޭޖް ސަރަހައްދަކާއި، ބަލި މީހުން އެކަހެރިކުރާ ކޮޓަރިއަކާއި، އަންހެނުންގެ ވޯޑަކާއި، ކުޑަކުދިންގެ ވޯޑެއްގެ އިތުރުން ވިއްސާ ކޮޓަރިއަކާއި ޕްރައިވެޓް އަދި ފަރުވާދޭ ކޮޓަރިތައް ހަދާނެ އެވެ. 28.61 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މި މަޝްރޫއު 390 ދުވަސްތެރޭގައި ނިންމަންޖެހޭނެ އެވެ.

މީގެއިތުރުން އެ ރަށުގެ ފުޓުބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ވެސް މިއަދު ފަށާފައިވެ އެވެ. އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު އެވެ. މިއީ 11.48 މިލިއަން ރުފިޔާއަށް 210 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއު އެކެވެ.

އެ ދެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާއިރު އެ ރަށުގައި ސްކޫލެއް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ.

މި މަޝްރޫއުގެ ދަށުން ތިން ފަންގިފިލާގެ އިމާރާތެއްގެ 6 ކްލާސްރޫމާއި މަލްޓި ޕާޕަސް ހޯލެއް އިމާރާތް ކުރެވޭނެ އެވެ. މި މަޝްރޫއުއަކީ 16.95 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއު އެކެވެ.