ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފި އެވެ.
މިދިޔަ ހޯމަ ދުވަހު ފެއްޓެވި މި ދަތުރުފުޅުގައި، އެމަނިކުފާނު އދ. އަތޮޅުގެ މީހުން ދިރިއުޅޭ 10 ރަށަށް ވަޑައިގެންނެވި އެވެ.
އެ އަތޮޅު ދިއްދޫ، އޮމަދޫ، ދިގުރަށް، މާމިގިލި، މަންދޫ، ފެންފުށި، ހަންޏާމީދޫ، މަހިބަދޫ، އަދި، ކުނބުރުދޫ އަށް ޒިޔާރަތްކުރައްވައި އެމަނިކުފާނު ވަނީ އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ. އަދި އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އިރު، ކޮންމެ ރަށެއްގައި ވެސް މިހާރު ހިނގަމުންދާ އަދި ކުރިއަށް ގެންދަން ރޭވިފައިވާ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހިއްސާކޮށްފައިވެ އެވެ.
މި ދަތުރުފުޅުގައި ރަށްރަށުގަ ތަރައްގީގެ މަޝްރޫއުތައް ފަށައި އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފަ އެވެ. ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ހިދުމަތް ފަށައި ކައުންސިލް އިދާރާގެ އިމާރާތްތަކުގެ ބިންގާ އެޅުމާއި ފުލުހުންގެ މަރުކަޒުތައް ފަދަ އުމްރާނީ ތަރައްގީއަށް މުހިއްމު މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީކާޑު ދޫކުރުމާއި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ރައީސް ވެވަޑައިގެންނެވި ވައުދުފުޅު ވެސް މި ދަތުރުފުޅުގައި ވަނީ ފުރިހަމަވެފަ އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރާތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހާލުއަހުވާލު ބައްލަވައި، ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ މުހިއްމު ސިޔާސަތެ ކެވެ.