ކުނބުރުދޫގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާނެ: ރައީސް

ރައީސް އދ. ކުނބުރުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)

ކުނބުރުދޫގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާނެ: ރައީސް

SHARE

އދ. ކުނބުރުދޫގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ޢަމަލީ މަސައްކަތް ފެށުނު އަދި ސޮއިކުރެވުނު މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގޮސް ނިންމައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މިކަމުގެ ޔަގީންކަން ދެއްވީ އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ކުނބުރުދުއަށް ވަޑައިގެން، ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވަމުން ނެވެ.

ރައީސް ވިދާޅުވީ ކުނބުރުދޫގައި މިއަދު އަމަލީ މަސައްކަތް ފަށައި، ސޮއިކުރެއްވި މަޝްރޫއުތަކަކީ ރަށުގެ ތަރައްގީގެ ކުރިމަގަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. އަދި އެއިން ކޮންމެ މަޝްރޫއެއްވެސް ސަމާލުކަން ދީގެން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

މި ބައްދަލުވުމުގައި އެ ރަށުގެ ބިންހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އަދި ސްކޫލްގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާ ވަނީ ހަވާލުކޮށްފަ އެވެ. އަދި އެ އަތޮޅުގައި އޮންނަ ފޮފަޅަގައު ފަޅު ވެސް ވަނީ ކުނބުރުދޫ ކައުންސިލާ ރަސްމީކޮށް ހަވާލުކޮށްފަ އެވެ.

ރައީސް ވަނީ، މިއަދު ހަވާލުުރެވުނު ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ މަހު ފެށޭނެކަމަށް ވިދާޅުވެފަ އެވެ. އަދި ބިންހިއްކައި ނިމުމުގެ ކުރިން އެ ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ވެސް އަންނަ އަހަރު ފަށާނެ ކަން އިއުލާނުކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅި ކަންކަން އަޑުއައްސަވައި، ހިޔާލު ބަދަލުކުރައްވާފައެވެ. އަދި ބައްދަލަވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގެ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ބައްލަވާފަ އެވެ.