ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބި، މިހާތަނަށް ގުރުއަތުގައި ބައިވެރިނުވާ ފަރާތްތަކުގެ ގުރުއަތުނެގުން މިއަދު ކުރިޔަށްގެންދަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
ގުރުއަތުލުން ކުރިއަށްދާނީ މިއަދު މެންދުރުފަހު 15:00 އިން ފެށިގެން ހައުސިން މިނިސްޓްރީގަ އެވެ. އެފަރާތްތަކަށް ލިބޭ ފުލެޓް ނަންބަރު ގެދޮރުވެރިން ޕޯޓަލްއިން އަޕްޑޭޓްކުރެވޭނެ އެވެ.
މިއަދު ގުރުއަތު ނަގާނީ 2023 ގެ ނޮވެމްބަރުގައި ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގައި 73 އިން ފެށިގެން މަތިން މާކްސް ލިބި، ދެ ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކުގެ މެދުގަ އެވެ. އަދި 76 އަށްވުރެ މަތިން މާކްސް ލިބި 3 ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށް ގުރުއަތު ނަގާފައިނުވާ ފަރާތްތަކުގެ މެދުގައި ވެސް ގުރުއަތު ނަގާނެެ އެވެ.
މިނިސްޓްރީން ބުނީ މި ގުރުއަތުގައި ދެމަފިރިންނަށް ވަކިން ފްލެޓު ލިބޭ ހާލަތުގައި، ދެމަފިރިންގެ ތެރެއިން އެއްފަރާތުން ފްލެޓް ދޫކޮށްލުމަށްފަހު، ފްލެޓް ލިބޭ އަދި ގުރުއަތު ނަގާފައިނުވާ ފަރާތްތައް ވެސް ހިމެނޭނެ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައި 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އެކުލަވާލައި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ދަނީ ކުރިއަށް ގެންދަމުންނެވެ.