އދ. އޮމަދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސާފައިވާ ތިން ފަޅުން މަންފާ ހޯދަން ރައްޔިތުން ކުރާ މަސައްކަތަށް ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ލިބިގެންދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ އދ. ގެ ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުުޅުގެ ތެރެއިން އެ އަތޮޅު އޮމަދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އޮމަދޫގެ އިހުތިސާސްގައި އިއްޔެ ހިމެނުއްވި އދ. އަތޮޅުގެ ކުޑަދޫފަޅާއި، ކޯޑު ނަންބަރު RF1329 ފަޅާއި، ކޯޑު ނަންބަރު RF1330 ފަޅުން މަންފާ ހޯދުމަށް ރައްޔިތުން ކުރާ މަސައްކަތްތަކަށް، ސަރުކާރުން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އެގޮތުން، ރަށު ފަތުރުވެރިކަމާއި، އެނޫން އިގްތިސޯދީ މަސައްކަތްތަކަށް އެ ފަޅުތައް ބޭނުންކުރުމަށް އެހީތެރިވެދޭނެ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން، އޮމަދޫގަ އަންނަ އަހަރުގެ ކުރީކޮޅު ޑޮލަރު އޭޓީއެމްގެ ހިދުމަތް ތައާރަފުކުރާނެ ކަން އިއުލާނުކުރައްވައި، އެ ރަށުގަ މެދުކެނޑުމަކަށް އައިސްފައިވާ ފެނުގެ ވިއުގައިގެ މަސައްކަތް އަލުން ފެށުމަށް، އެ މަސައްކަތާ ހަވާލުވެފައިވާ ކުންފުންޏަށް ބާރުއަޅައި، މަޝްރޫއު ފުރިހަމަކުރަން ހުރި ކަންކަން ގާތުން ބައްލަވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
މި ބައްދަލުވުމުގައި އޮމަދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލް ބިނާކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށް، ވޮލީކޯޓު ތަރައްގީކުރުމާއި، ފުލުހުންގެ މަރުކަޒާއި، ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ. އެ ރަށުގެ ކައުންސިލް އިދާރާ އާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވެސް މިއަދު ވަނީ އަޅާފަ އެވެ.