ޕާޓީ ޑްރަގު ބޭނުންކުރުމާ ނަފްސާނީ މައްސަލަތަކާ ގުޅުންހުރި މިންވަރު ދެނެގަތުމުގެ މަސައްކަތް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން މިހާރު ކުރަމުންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ. ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން ގިނަވެ، ބަލިތައް ފެތުރުމުގެ ކަންބޮޑުވުން ފާޅުކުރައްވައި މެމްބަރު މިނިސްޓަރާ ކުރައްވަން ހުށަހެޅުއްވީ، މިހާރު ރާއްޖޭގައި އެންމެ އާއްމުކޮށް ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކާއި އެ މައްސަލަ ހައްލުކުރުމަށް އެކުލަވާލާފައިވާ ސިޔާސަތާ ގުޅޭ ސުވާލެކެވެ.
އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެކަމުގައި އެންޑީއޭއިން ގެންގުޅޭ ސިޔާސަތަކީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ސައިކިއޭޓްރިކް އިވޭލުއޭޝަން ހަދައި، ސައިކިއޭޓްރިކް ފަރުވާއާއެކު ސިމްޕްޓޮމެޓިކް މެޑިކަލް ޓްރީޓްމެންޓުގެ ގޮތުގައި ދޭންޖެހޭ ފަރުވާގެ ޕްލޭނާ އެއްގޮތަށް އެކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ.
އެގޮތުން، އެންޑީއޭއިން ރިސާޗް އެނާލަސިސްއެއް ހެދުމަށްޓަކައި ޕާޓީ ޑްރަގްސް ބޭނުންކުރުމާއި ނަފްސާނީ މައްސަލަތަކާ ގުޅުންހުރި މިންވަރު ދެނެގަތުމަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެއްޗަށް ފަރުވާ ދިނުމުގެ ގޮތުން ހަދާ އެސެސްމެންޓުތަކުންނާއި ޓެސްޓުކުރެވޭ ކުޑަކަމުދާތަކެތީގެ ރިޕޯޓުތަކާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުންގެ ކުޑަކަމުދާތަކެތި ޓެސްތުކޮށްގެން ލިބޭ ރިޕޯޓުތައް އެންޑީއޭއާ ހިއްސާކުރަމުންދާ ކަމަށެވެ. އަދި އެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީ ބާވަތްތައް ވެސް ދެނެގަނެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ކުރިއަށްދާ ޑްރަގް ޕްރިވަލެންސް ސާވޭ ނިމުމުން ރާއްޖޭގެ ހުރިހާ ހިސާބެއްގަ ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކާއި މަސްތުވާތަކެތި ބޭނުންކުރާ ގޮތްތަކުގެ ފުރިހަމަ މައުލޫމާތު ވެސް ލިބޭނެ ކަމަށެވެ.