އދ. ހަންޏާމީދޫ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިބން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައ،ި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ހަންޏާމީދޫ އަށް ވަޑައިގެންނެވުމުން ބޭއްވި ރަސްމިއްޔާތުގަ އެވެ.
ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރުު ޑރ. އިސްމާއީލް ޝަފީއު އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. މި މަޝްރޫއުގެ ދަށުން، 9،500 އަކަފޫޓުގެ ސަރަހައްދެއްގައި 3 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރާނެ އެވެ. 22.63 މިލިއަން ރުފިޔާއަށް ހަވާލުކުރި މި މަޝްރޫއު 540 ދުވަސްތެރޭ ނިންމަން ޖެހޭނެ އެވެ.
މީގެއިތުރުން، އެ ރަށުގަ ވޮލީ ކޯޓު އަދި ޕޮލިސް ސްޓޭޝަން ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ވެސް މިއަދު ވަނީ ފަށާފަ އެވެ. ވޮލީ ކޯޓުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އަރިހުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީ އާއ،ި ހަންޏާމީދޫ ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގަތެވެ. މި މަޝްރޫއުގެ ދަށުން ކޮންކްރީޓް މަސައްކަތްތަކާއ،ި ދަގަނޑުގެ މަސައްކަތްތަކާއ،ި ކަރަންޓުގެ މަސައްކަތްތަކާއ،ި ޓާފް އެޅުމާ އަދި، އިކުއިޕްމެންޓް ހަރުކުރުމުގެ މަސައްކަތްތައް ކުރާނެ އެވެ. މިއީ 431,343.92 ރުފިޔާއަށް 120 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ޕޮލިސް ސްޓޭޝަންގެ އާ އިމާރާތުގެ ބިންގާ ވެސް މިއަދު އަޅާފައިވެ އެވެ. އެ މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާނެވެ. ކުރިއަށް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތަށް ބޭނުންވާ އިމާރާތްތައް ތަރައްގީކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.
އެ ރަށުގެ ކައުންސިލް އިދާރާގެ އާ އިމާރާތް ވެސް މިއަދު ހުޅުވާފައިވާއިރު، ރައީސް ވަނީ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ރަށުގެ އިސްވެރިންނާ އެ ތަނުގަ ބައްދަލުކުރައްވާފަ އެވެ.