ލޯކަލް ޓޫރިޒަމް ފުޅާކުރަން އަލިކޮއި ހާއްސަކުރަނީ

ހަންޏާމީދޫގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)

ލޯކަލް ޓޫރިޒަމް ފުޅާކުރަން އަލިކޮއި ހާއްސަކުރަނީ

SHARE

އދ. އަތޮޅުގައި ކުރިއަރަމުން އަންނަ ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށްޓަކައި ފަތުރުވެރިން ވެސް ގެންދެވޭ ގޮތަށް އެ އަތޮޅުގެ އަލިކޮއި ތަރައްގީކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ އދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހަންޏާމީދޫ އަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ހަންޏާމީދޫއަކީ ލޯކަލް ޓޫރިޒަމް ފުޅާ ވަމުންދާ ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ރައްޔިތުންނަށް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

އެގޮތުން، ފަތުރުވެރިން ގޮވައިގެންދާނެ "ހުސް ބިންތައް" އދ. އަތޮޅުގައި މަދުކަމަށް ވިދާޅުވެ ރައީސް ވަނީ އެ މައްސަލަ ހައްލުކުރުމަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އެއީ އެ އަތޮޅަށް އަންނަ ފަތުރުވެރިން ގޮވައިގެން ދާން އަލިކޮއި ހާއްސަ ކުރުމެވެ.

ރައީސް ވިދާޅުވީ އަލިކޮއި ތަރައްގީކުރާނީ ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި އެ ރަށް ތަރައްގީކުރުމަށް އެއްވެސް ބަޔަކާ ހަވާލުނުކުރާނެ ކަމަށް ވިދާޅުވި އެވެ.

" މި ރަށާ މިތާ ކައިރީގެ ރަށްރަށާ މިހިސާބުގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ގެސްޓުން ގޮވައިގެން ގޮސް ބޭނުންކުރުމަށްޓަކައި ބޭނުންކުރުމަށް ކަނޑައަޅާ ޚާއްސަ ރަށެއްގެ ގޮތުގައި ކަނޑައަޅަން" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ހަންޏާމީދޫގެ ލޯކަލް ޓޫރިޒަމް ފުޅާކުރުމަށްޓަކައި އެ ރަށާ ކައިރީގަ އޮންނަ އުތުރުއަތަފަރު، އެ ރަށުގެ އިހްތިސޯސްގައި ހިމެނުމަށެވެ. ރައީސް ވިދާޅުވީ އުތުރު އަތަފަރު ތަރައްގީކުރުމަށް ވެސް ސަރުކާރުން އެހީވެދޭނެ ކަމަށެވެ.

ބެލެވޭ ގޮތުގައި މިއަދުގެ ވަގުތެއްގައި އެ ގަރާރު ސަރުކާރުގެ ގެޒެޓުގަ ޝާއިއުކުރާނެ އެވެ. ރައީސް ގަބޫލުކުރައްވާ ގޮތުގައި މިއީ އެ ސަރަހައްދުގެ ޓޫރިޒަމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށްވާނެ އެވެ.