ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫނީ އިހުލާސްތެރި ކަމާ އެކު މަސައްކަތް ކުރައްވާ އެހެން ވެރިޔަކު އަދި ދެކެވަޑައިނުގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ މާމިގިލީ ދާއިރާގެ ރަށްތަކަށް އެމަނިކުފާނުގެ އަރިހުގައި ގާސިމް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. އެގޮތުން، އެ އަތޮޅުގެ ފެންފުށީގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ގާސިމް ވަނީ އެމަނިކުފާނަށް ތައުރީފްކުރައްވައި ވާހަކަދައްކަވާފަ އެވެ.
ގާސިމް ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރު އެކުލަވައިލި ފެހި ގާނޫނު އަސާސީގެ ދަށުން މިއަދާ ހަމަޔަށް ވެސް ރައީސް މުއިއްޒު ފަދަ އިޚުލާސްތެރި އަދި ހެޔޮ ނިޔަތުގައި މަސައްކަތް ކުރައްވާ ވެރިއަކު ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"ދޮށީ މީހެއްގެ ހައިސިއްޔަތުން، ގިނަ ކަންތައްތައް ދުށް މީހެއްގެ ހައިސިއްޔަތުން އަމަލީ މަސައްކަތް ކުރަމުންދާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާލަން އޮތީ 2008 ވަނަ އަހަރުގެ މި ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ބަދަލުވެގެން މި އައިފަހުން މިއަދާ ހަމަޔަށް ވެރިކަން ކުރަން މަނިކުފާނު ހަވާލުވެވަޑައިގަތުމާ ހަމަޔަށް އަޅުގަނޑު ނުދެކެން މަނިކުފާނު ހަވާލުވެވަޑައިގަތް ފަހުން ކުރައްވަމުން މިގެންދަވާ މަސައްކަތްތަކާއި އެ ހިތްވަރާ އަޒުމާ އެކީގަ ކުރިއަށް އިހުލާސްތެރި ނިޔަތެއް އޮވެގެން ކުރިއަށް މަސައްކަތް ކުރައްވަމުން ގެންދަވާ އަދި އެއްވެސް ވެރިއަކު އަޅުގަނޑު ހަމަ ގައިމުވެސް ނުދެކެން." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، ރައީސް ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް އައްސަވައި ވަގުތުން ހައްލުކުރެވެން ހުރި ކަންކަން ވެސް ހައްލުކޮށްދެއްވާ ކަމަށެވެ. އަދި ރައީސް ފަދަ ވެރިއަކު ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވަނީ ހިތުގެ އެންމެ އުމުގުން އެކަން ގަބޫލުކުރައްވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
" އަޅުގަނޑު ހުޝާމަތު ކުރަނީކީ އެއް ނޫން. އަޅުގަނޑުގެ ހިތުގެ އުމުގުން ގަބޫލުކުރެވިފައިވާ ކަންތައްތަކެއްގެ ވާހަކަ މިދަންނަވަނީ" ގާސިމް ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މިނިސްޓަރުކަން ކުރައްވާފައިވާ ގާސިމްއަކީ 2008ގެ ފަހުން އިންތިހާބުކުރެވުނު ތިން ސަރުކާރާއެކު ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.