ފެންފުށީގަ ނަރުދަމާ ނިޒާމު އަޅައިދޭން އެހެން ބަޔަކު ހޯދާނަން: ރައީސް

އދ. ފެންފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ރައީސް ސަލާމްކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)

ފެންފުށީގަ ނަރުދަމާ ނިޒާމު އަޅައިދޭން އެހެން ބަޔަކު ހޯދާނަން: ރައީސް

SHARE

އދ. ފެންފުށީގަ ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ހަވާލުކޮށްފައިވާ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެހެން ބަޔަކާ އެ މަސައްކަތް ހަވާލުކޮށްގެން މަޝްރޫއު ކުރިއަށްގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އދ. އަތޮޅުގެ ރަށްތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅުގެ ފެންފުއްޓަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުުގައި އެމަނިކުފާނު ވަނީ ރަށުގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން ވާހަކަދައްކަވާފަ އެވެ.

އެ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ހުއްޓިފަ އޮތުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެ މަސައްކަތް ހަވާލުކުރި އަމިއްލަ ކުންފުންޏާ ހަވާލުކޮށްފައިވާ އެހެން ނަރުދަމާގެ މަޝްރޫއުތައް ވެސް އޮތީ ހުއްޓިފަ އެވެ. އެކަމަކު ސަރުކާރުން އެ ކުންފުނިން ކުރި ހުރިހާ މަސައްކަތަކަށް ފައިސާ ވެސް ދައްކާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރުން ޕޭމެންޓުގެ އިޝޫއެއް ވެސް ނެތް. ކޮށްފަ އޮތް މަސައްކަތަކަށް ވެއްޖިއްޔާ ހުރިހާ ފައިސާއެއް ދީފަ. ދެން އެއްވެސް ރަށެއްގައި މަސައްކަތް ނުހިނގުމަކީ ސަރުކާރުގެ މިނިސްޓްރީގެ ހައިސިއްޔަތުން ވެސް ވަރަށް ބޮޑަށް އެކަމުގަ ބާރުއަޅައިގެން ނުވެގެން އުޅޭ ކަމެއް." ރައީސް ވިދާޅުވި އެވެ.

އެހެންވެ، އެ އެއްބަސްވުން ބާތިލުކުރަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެހެން ބަޔަކާ އެ މަސައްކަތް ހަވާލުކޮށްގެން މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"ދެން އަޅުގަނޑުމެން މިހާރު ނިންމާފަ އޮތީ ޓާމިނޭޝަނަކަށް ދާ ގޮތަށް. ޓާމިނޭޓްކޮށްގެން ވިޔަސް ހަމަ ކުރަން ވަކިި ބަޔަކާ ހަވާލުކޮށްގެން ވިޔަސް ކުރާގޮތަށް. މިއީ ވަރަށް ލަސްވާ ކަމެއް" ރައީސް ވިދާޅުވި އެވެ.

ފެންފުށީގަ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް 2021 ވަނަ އަހަރު ހަވާލުކުރީ އަޒްރޯވާ މޯލްޑިވްސްއާ އެވެ. 19.3 މިލިއަން ރުފިޔާ އަށް ހަވާލުކުރެވުނު މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ އެއް އަހަރުން ނިންމާ ގޮތަށެވެ. އެއީ ޕްލޭނިން މިނިސްޓްރީއާ ސްޓެލްކޯ އަދި އަޒްރޯވާ ހިމެނޭހެން ހަދާފައިވާ "ޓްރައިޕާޓީ ނޮވޭޝަން" އެކެެވެ.