އދ. ދިއްދޫ ބަނދަރުގެ ނެރުފައިކަށި ބަދަލުކުރުމުގެ މަޝްރޫއުގެ މަސައްކަތް، އަންނަ ނޮވެންބަރު މަހު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، އދ. އަތޮޅުގެ ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ދިއްދޫއަށް ވަޑައިގެން، ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގަ އެވެ.
މި ބައްދަލުވުމުގަ ރައްޔިތުންގެ އާންމު އިޖުތިމާއީ ތަރައްގީއަށް ބޭނުންވެފައިވާ ކަންކަން ރައީސާ ހިއްސާކޮށްފައިވެ އެވެ. އެގޮތުން ރަށުގެ ބަނދަރުގެ ނެރުފައިކަށި މިހާރު ހުރިތަނުގެ ގޮތުން ހުޅަނގު މޫސުމުގައި ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތަކާއި އުނދަގޫތައް ރައްޔިތުންނާއި ކައުންސިލުން ވަނީ އެމަނިކުފާނުގެ ސަމާލުކަމަށް ގެންނަވާފަ އެވެ. އަދި ރަށުގެ ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ވެސް ހިއްސާކޮށްފައިވެ އެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތަކާ ގުޅިގެން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ގިނަ ދުވަސްވެފައިވާ ބަނދަރުގެ ނެރުފައިކަށީގެ މައްސަލަ ހައްލުކޮށްދިނުމަށް ކުރަމުންދާ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅި ކަންކަން އަޑުއައްސަވައި، ހިޔާލު ބަދަލުކުރައްވާފައެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކޮށް އެމަނިކުފާނު ވަނީ ރަށުގެ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.