ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސްއަޅާ ނަމަ، އެ ފަރާތެއްގެ ގޮނޑި ގެއްލެންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުނު އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިދިކޮޅު އެމްޑީޕީގެ މެމްބަރަކު ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން ނެވެ.
ފަލާހުގެ ވާހަކައިގައި މިދިޔަ އޮކްޓޯބަރު 3 ގައި އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންތަކެއް އަމަލުކުރެއްވި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. އެގޮތުން މައިނޯރިޓީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު އެ މުޒާހަރާގައި ފުލުހުންގެ ބެރިކޭޑެއް ދަށަށް ވަދެ އޮފިސަރުންގެ ވާޖިބަށް ހުރަސްއެޅުއްވި މަންޒަރު ވަރަށް ސާފުކޮށް ފެނިވަޑައިގެންނެވި ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނަވައިގެން އެފަދަ އަމަލެއްކޮށްފި ކަމަށްވާނަމަ އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ވިޔަސް މިވަރުގެ ކުށެއް ކޮށްފި ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލެންޖެހޭނެ" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ، މިފަދަ ކަންކަމުގައި އާއްމު ރައްޔިތުންނާއި މަޖިލީސް މެމްބަރުންގެ ތަފާތެއް އޮންނަން ޖެހޭ ކަމަށާއި އެ ނޫން ގޮތަކަށް ގައުމުގައި އަމާންކަމާއި ހަމަޖެހުމެއް ނުލިބޭނެ ކަމަށެވެ.
މިކަން ފާހަގަކުރައްވަމުން އޭނާ ވަނީ ގާނޫނާއި ގަވާއިދުތަކަށް އިސްލާހު ގެނައުމަށް ގޮވާލައްވާފަ އެވެ.
މި މުޒާހަރާގައި ފުލުހުންގެ އަމުރަށް ކިޔަމަން ނުވި އަށް މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ހަ މީހެއްގެ ބަންދު 15 ދުވަހަށް އިތުރުކޮށްފައިވެ އެވެ.