ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 4،000 އަށް ވުރެ ގިނަ މީހުންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފައިވާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހާމަކޮށްފިއެވެ.
އޮޕަރޭޝަން ކުރަނގި ގެނަމުގައި މި އޮޕަރޭޝަން ފެށީ މިއަހަރުގެ މެއި މަހުގެ 02ވަނަ ދުވަހުއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މި އޮޕަރޭޝަން ކުރިއަށްގެންދިޔުމަށް ނިންމާފަވާއިރު މީހުން ދިރިއުޅޭ 45 ރަށެއްގައި މިހާރު ވަނީ މި އޮޕަރޭޝަން ފަށާފައެވެ. މިހާތަނަށް ވަނީ އޭގެ ތެރެއިން 8 ރަށެއްގައި ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު ނަގާފަ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ 45 ރަށުން ވަނީ ޖުމްލަ 4،272 ބިދޭސީއެއްގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފަ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
"އޮޕަރޭޝަން ކުރަނގި"ގެ ބައެއް ހިސާބުތައް
• ހއ. ދިއްދޫން 390 ބިދޭސީން
• ރ. އަލިފުށިން 178 ބިދޭސީން
• ރ. ދުވާފަރުން 140 ބިދޭސީން
• ކ. ގާފަރުން 105 ބިދޭސީން
• ކ. ހިންމަފުށިން 701 ބިދޭސީން
• ކ. މާފުށިން 1،076 ބިދޭސީން
• ލ. ގަމުން 200 ބިދޭސީން
• ސ. ހިތަދޫން 114 ބިދޭސީން
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ.