ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުން ރަށްރަށަށް ބޭރުން ވަޒީފާއަށް ގެންނަ ފަރާތްތައް ބައިތިއްބަން ކުއްޔަށް ތަންތަން ނެގުމުގެ ބަދަލުގަ، ސްޓާފް އެކޮމޯޑޭޝަން އަޅަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އދ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދިގުރަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރަށްރަށަށް ބޭރުން ގެންނަ މުވައްޒަފުން ބޭތިއްބުމަށް ތަންތަން ކުއްޔަށް ހިފައިގެން ދައުލަތުން ބޮޑު ހަރަދެއް ކުރާ ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށްޓަކައި ރައީސް އެ ބައްދަލުވުމުގައި ހުށަހެޅުއްވި ހައްލަކީ އެ މީހުން ބޭތިއްބުމަށް ބަޖެޓުކޮށްގެން ރަށްރަށުގައި އިމާރާތްތައް އެޅުމެވެ.
"އަޅުގަނޑުމެން މިފަދަ ރަށްރަށުގައި ސަރުކާރުގެ ބަޖެޓުން މި ފަށަނީ މިގޮތަށް ގެންނަ ސްކޫލް، ސިއްހީ މަރުކަޒު އަދި މިފަދަ ތަންތަނަށް ގެންނަ ބޭރުގެ މުވައްޒަފުން ބައިތިއްބާނެ، ރަށުން ބޭރުން ގެންނަ މުވައްޒަފުން ބައިތިއްބާނެ އަދި ރާއްޖެއިން ބޭރުން ކަމުގައި ވިޔަސް އެކޮމޮޑޭޝަން ބްލޮކްތައް." ރައީސް ވިދާޅުވި އެވެ.
އެ މަޝްރޫއު ނިމުމުން ތަންތަން ކުއްޔަށް ހިފައިގެން ދާ ހަރަދު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް އެމަނިކުފާނު ގަބޫލުފުޅުކުރައްވަ އެވެ. އެހެންވެ، އަންނަ އަހަރުގެ ބަޖެޓުގައި އެ މަޝްރޫއު ހިމަނުއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
"އޭރުން އެ އިމާރާތެއް އެޅިގެން ދިއުމުން ހަމަ ޔަގީނުން ވެސް ސްކޫލާ އެހެނިގެން މުއައްސަސާތަކަށް ރަށުން ބޭރުން ޚިދުމަތް ކުރަން ގެންނަން ޖެހޭ މީހުން ބޭތިއްބުމުގަ ވަރަށް ބޮޑު ލުއިތަކެއް ވާނެ. " ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ އޮފީސްތައް ހިންގުމަށް ކުލީގެ ގޮތުގައި ދައުލަތުން ކުރާ ހަރަދު އަހަރުން އަހަރަށް މަތިވަމުން ދިއުމަކީ ސަރުކާރުގެ ކަންބޮޑުވުމެކެވެ. އެގޮތުން ކުލީގެ ގޮތުގައި އަހަރަކު 70 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރެ އެވެ.