އދ. ދަނގެތީގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އދ. ގެ ރަށްތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދަނގެއްޗަށް ވަޑައިގެން ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ އެމަނިކުފާނު ވަނީ ރަށުގެ ތަރައްގީއަށް ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތަކާ ގުޅިގެން ވާހަކަދައްކަވާފަ އެވެ.
ރައީސް ވިދާޅުވީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނދަރުގެ މަޝްރޫއަކީ އެކި ގޮތްގޮތުން ރަށަށް އެންމެ މުހިއްމު 3 މަޝްރޫއުކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މި މަޝްރުއުތައް ކުރިއަށް ގެންދަވާނީ ރައްޔިތުން އެދޭގޮތަށް ކަމަށެވެ. މި މަޝްރޫއުތައް ނިމިގެންދާއިރު، އުމްރާނީ އަދި އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
މީގެ އިތުރުން، މިއަދު ސޮއިކުރެވުނު ދަނގެތީ ސްކޫލުގެ 10 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫއު ނިމިގެންދިއުމުން ދަރިވަރުންނާއި ބެލެނިވެރިން ހިމެނޭހެން އެންމެންނަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި މަސައްކަތް ނިމުމުގެ ކުރިންވެސް، ސްކޫލުގެ ކްލާސްރޫމްތަކާއި، މިހާރު ބޭނުންކުރަމުންދާ ހޯލާއި އެނޫންވެސް މުހިންމު ތަންތަން ފިނިކުރުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރަށުގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށްޓަކައި، ބިން ހަމަޖެހިގެން ދިއުމާއެކު ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ފެށޭނެކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ. ދަނގެއްޗަކީ ލޯކަލް ޓުއަރިޒަމް ފުޅާވެފައި އޮތް ރަށެއްކަން ފާހަގަކުރައްވައި، 2026 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި، ޑޮލަރު އޭޓީއެމްގެ ޚިދުމަތްވެސް ތައާރަފްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ ރަށުގަ ޒަމާނީ ފުޓުބޯޅަ ދަނޑެއްވެސް ތަރައްގީކުރާނެ ކަމަށް ވިދާޅުވި އެވެ.