ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ތައްޔާރީތަކާ ގުޅިގެން މަޝްވަރާކޮށްފި

photo_2025-10-05_15-34-20 (2)

ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ތައްޔާރީތަކާ ގުޅިގެން މަޝްވަރާކޮށްފި

SHARE

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމަށް ވަމުން ދާ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މަސްލަހަތުވެރިން ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.

ހުޅުލޭ އައިލެންޑް ހޮޓަލުގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފުގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އިމިގްރޭޝަން ކޮންޓްރޯލަރު, އަހުމަދު ފަސީހު އާއި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ބައިވެރިވެވަޑައިގެންނެވި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް, މޯލްޑިވްސް އިމިގްރޭޝަން, މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ, ޕޮލިސް, އެމްއެންޑީއެފް, މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް) ވެސް ބައިވެރިވި މި ބައްދަލުވުމުގައި ވަނީ އެއާޕޯޓު ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ/

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގައި އެންމެ ރަނގަޅަށް ނެތް ކަންކަން ހައްލު ކުރައްވަމުން މިހާރު ގެންދާ ކަމަށެވެ. އަދި އެ ކުންފުނިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމާއި ހަވާލުވުމުން އެތަނުގެ ސަލާމަތާއި ރައްކާތެރިކަން މިހާރަށް ވުރެ ވަރުގަދަ ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެމްއޭސީއެލްގެ ކޮންމެ ކަމެއްގައިވެސް މަސްލަހަތުވެރިންގެ މަޝްވަރާ ހޯދާނެ ކަމަށާއި އެ ފަރާތްތަކަށް ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބޭނެ ކަމަށެވެ.

136 މިލިއަން ޑޮލަރަށް އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުން ހިންގާ މި މަޝްރޫއު ނިންމައި މި މަހު އެ އެއާޕޯޓު ހުޅުވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މަހު ވިދާޅުވެފަ އެވެ. 2.46 މީޓަރުގެ ދިގު ރަންވޭއަކާ އެކު ގާއިމުކުރެވޭ މި އެއާޕޯޓުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.