ރަސްމާލެ މާސްޓަ ޕްލޭން ތައްޔާރުކުރަން ކޮންސަލްޓެންޓެއް ހޯދަނީ

(ރަސްމާލެ  ( ފޮޓޯ: މެންދުރުޓީވީ

ރަސްމާލެ މާސްޓަ ޕްލޭން ތައްޔާރުކުރަން ކޮންސަލްޓެންޓެއް ހޯދަނީ

SHARE

ރަސްމާލޭގެ މާސްޓާ ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ ކޮންސަލްޓަންސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލައިފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި، އިގްތިިސާދީ ގޮތުން ފުދުންތެރި އަދި އިޖްތިމާއީ ގޮތުން އެކުލެވޭ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ނުރައްކާތަކަށް ތައްޔާރުވެފައިވާ ރަށު ޕްލޭނިން މޮޑެލެއްގެ ގޮތުގައި މަސައްކަތްކުރާނެ، މާސްޓާ ޕްލޭނެއް ރަސްމާލެއަށް އެކުލަވާލުން ކަމަށެވެ.

މި ޕްލޭނުގައި ތަރައްގީގެ ހުރިހާ ދާއިރާއެއްގަ ދެމެހެއްޓެނިވިކަން ހިމަނަންޖެހޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ. މާސްޓަ ޕްލޭން އެކުލަވާލުމަށް ކޮންސަލްޓެންސީ ދިނުމަށް ޝައުފުވެރިވާ ފަރާތްތަކުން އެމީހުންގެ ގާބިލުކަން ލިބިފައިވާކަން ސާބިތުކޮށްދޭ މައުލޫމާތު ހުށަހަޅަން ޖެހެ އެވެ. އަދި ޝައުގުވެރިކަން ފާޅުކުރާ ސިޓީއަކާއި، ޓާމްސް އޮފް ރެފަރެންސް (ޓީއޯއާރު) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމެނޭ ގޮތަށް، ޕްރޮޕޯސަލެއް ހުށަހަޅަަން ޖެހެ އެވެ.

ޓީއޯއާރުގެ ތަފްސީލްތައް މިއަދުން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ވަނީ އާއްމުކޮށްފަ އެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓު މި މަހުގެ 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ރަސްމާލެއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން މި ސަރުކާރުން ހިންގަމުންދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން 1153 ހެކްޓަރުގެ ފުށި ދިއްގަރު ފަޅުން 1009 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަކަށް ތަރައްގީކުރާ ރަސްމާލެ ހިއްކަނީ 2.5 މީޓަރު އުސްކޮށެވެ. އެ ސަރަހައްދުން 65،000 ގެދޮރު ދޫކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހަރު ތިން ކުންފުންޏަކުން ދަނީ ކުރަމުން ނެވެ.