ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ލިބިދޭ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ހައްގު ކަށަވަރުކޮށްދިނުމުގައި ސަރުކާރުން ދެމިހުންނާނެކަމަށް ފޮރިން މިނިސްޓްރީ ބުނެފި އެވެ.
މިނިސްޓްރީއިން މިހެން ފާހަގަކުރީ ރޭ އެމްޑީޕީއިން ބޭއްވި "ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.
ރޭގެ މުޒާހަރާ އަކީ ސުލްހަވެރި މުޒާހަރާއެއް ކަމަށް އެމްޑީޕީން ބުނި ނަމަވެސް، އެ މުޒާހަރާއަށް ފުލުހުން ދީފައިވާ ހުއްދައާ ޚިލާފުވެ، ފުލުހުންނަށް އަނިޔާކުރި މަންޒަރު ފެނުނެވެ. އަދި ފުލުހުންގެ މުދަލަށް ގެއްލުން ވެސް ދީފައިވެ އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވާ ގޮތުގައި އެއްވުންތައް ބާއްވަން ޖެހޭނީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ތަބާވެ، ފުލުހުން ފާސްކޮށްފައިވާ މަގުތަކުގަ އެވެ. އަދި ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުންދީ، އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކޮށް، އާންމު ސަލާމަތާއި މުޖުތަމައުގެ ހަމަޖެހުން ރައްކާތެރިކޮށްދޭ ގޮތަށް އަމަލުކުރުމަށް ބައިވެރިންނަށް އިލްތިމާސްކޮށްފައިވެ އެވެ.
އެހެންނަމަވެސް، ފުލުހުންގެ އިންޒާރުތަކަށްފަހުވެސް، މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ކަނޑައެޅިފައިވާ މަގުން ބޭރުވެ، ވެރިރަށް މާލޭގެ އެންމެ ބާރުބޮޑު މަގު ކަމުގައިވާ މަޖީދީމަގަށް ވަދެ، އާންމު އަމަން އަމާންކަން ގެއްލޭގޮތަށް އަމަލުކޮށް، ފުލުހުންގެ ބެރިކޭޑްތައް ތަޅާލައި، ފުލުހުންގެ ހަތިޔާރުތައް އަތުލައި، ފުލުހުންގެ ޑިއުޓީއަށް ހުރަސްއަޅާފައިވާކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.
މިނިސްޓްރީއިން އިތުރަށް ބުނެފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ސުލްހަވެރިކަމާއެކު މުޒާހަރާކުރުމުގެ ހައްގާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ސަރުކާރުން އިހްތިރާމްކުރާ ކަމަށާއި، މި ހައްގުތަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި މުޒާހަރާކުރި ފަރާތްތަކުން ދިން އިންޒާރުތަކާއި ހުރަސްއެޅުންތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، ފުލުހުން އަމަލުކޮށްފައިވަނީ ޒިންމާދާރުކަމާއެކު، އަދި ކެތްތެރިކަމާއެކު ކަމަށް އެ މިނިސްޓްރީއިން ފާހަގަކުރި އެވެ.
އެމްޑީޕީގެ މުޒާހަރާއަށް ފުލުހުން ހުއްދަ ދިނީ ބޮޑުތަކުރުފާނު މަގުން ދިއުމަށެވެ. އެ ޕާޓީން މަޖީދީ މަގުން ދިއުމަށް ހުއްދައަށް އެދުނު ނަމަވެސް އެ ހުއްދަ ދީފައި ނުވަނީ އާންމުންނަށް ވާނެ ދަތިތައް ކުޑަކުރުމަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެހެންނަމަވެސް ޕާޓީން ހުއްދައާ ޚިލާފުވުމުން ފުލުހުން ވަނީ އެކަން ހުއްޓުވާފަ އެވެ.