އިދިކޮޅު އެމްޑީޕީން މިރޭ ބާއްވާ މުޒާހަރާގެ އަމާޒަކީ ރާއްޖޭގައި ނުތަނަވަސްކަން އުފެއްދުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާލުވެއްޖެ އެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، އެމްޑީޕީއިން މިރޭ ބާއްވާ މުޒާހަރާއާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ، އެމްޑީޕީގެ އިސް އޮފިޝަލުންނާ ގުޅުންހުރި ކޮރަޕްޝަނުގެ ތަހްގީގުތައް ކުރިއަށްދާ ދަނޑިވަޅެއްގައި، ރާއްޖޭގައި ނުތަނަވަސްކަން އުފެއްދުމަށް އެމްޑީޕީން އަނެއްކާވެސް އަޒުމް ކަނޑައަޅާފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ކުރީގެ އެމްޑީޕީ މުޒާހަރާތަކުގައި ފުލުހުންނަށް ހަމަލާދީ، ދައުލަތުގެ މުދަލަށް ގެއްލުންދީ، އަނިޔާވެރި އަމަލުތައް ހިންގާފައިވާތީ، މިރޭގެ މުޒާހަރާ ވެސް އެފަދަ ގޮތަކަށް ކުރިއަށް ދިއުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރެެއްވި އެވެ.
ސަރުކާރުގެ އެހެން އިސް ވެރިން ވެސް ވަނީ މިރޭ އޮންނަ އެމްޑީޕީ އެއްވުމުގައި ގައުމު ހަލަބޮލި ނުކުރުމަށް ގޮވައިލާފަ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ މުޒާހަރާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ތައްޔާރުވަމުންދާ ކަމަށް މައުލޫމާތު ދީފައެވެ. އަދި އާންމު ރައްޔިތުންނަށް ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.