ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލަތައް ތަހުގީގުކުރުމަށްފަހު، މިހާތަނަށް 123.7 މިލިއަން ރުފިޔާ އަނބުރާ ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަމާ ބެހޭ އިދާރާތަކަށް އަންގާފައިވާ ކަމަށް ބުނެފި އެވެ.
އޭސީސީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލަތަކުގައި މިވަގުތު 37 ތަހުގީގުކުރިއަށްދާ ކަމަށެވެ. 161 މައްސަލައެއްގެ ތަހުގީގު ނިންމައި މިހާރު އެ މައްސަލަތައް އޮތީ، ގޮތް ނިންމުމުގެ މަރުޙަލާގައިކަމަށް ވެސް ބުނެފައިވެ އެވެ. އަދި 15 މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން ކުރިޔަށްދާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އެ ކޮމިޝަނުން ބުނީ، އެ މައްސަލަތައް ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން މިހާތަނަށް 123,732,662.00 ރުފިޔާ އަނބުރާ ހޯދަން ކަމާ ގުޅުންހުރި ފަރާތްތަކަށް އަންގާފައިވާ ކަަމަށެވެ.
އޭސީސީގެ ބަޔާން ނިންމާލާފައިވަނީ، އެ ކޮމިޝަނުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރަނީ، އެއްވެސް ފަރާތެއްގެ ނުފޫޒަށް ލެނބުމެއްނެތި، މިނިވަންކަމާއި މުސްތަގިއްލުކަމާއެކު، ވަކި ފަރާތަކަށް ބުރަނުވެ ގާނޫނީ ހަމަތަކުގެ މަތީން ކަމުގެ ޔަގީންކަން ދީފަ އެވެ.
" އަދި، ކޮމިޝަނުގެ ފަންނީ އަދި އެހެނިހެން ޤާބިލުކަން ތަންދޭ އެންމެ މަތީ މިންވަރަކުން ތަޙުޤީޤުތައް އަވަސްކޮށް ފިޔަވަޅު އަޅަމުންގެންދާނެކަމުގެ ޔަޤީންކަންވެސް އަރުވަމެވެ." އެ ބަޔާނުގައި ވެ އެވެ.
އޭސީސީން މިގޮތަށް ބުނެފައިވާއިރު، ޕީޖީ އޮފީހުން ރޭ ބުނެފައިވަނީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލަތަކުގައި ވަކި ބައެއްގެ މައްޗަށް ދަޢުވާނުކުރުމަށް ނިންމާފައިވާ އެއްބަސްވުންތައް ބާތިލުކޮށް، އެ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް، މި އޮފީހަށް ހުށަހެޅުމަށް މިއަހަރުގެ ޖެނުއަރީ 15 ގަ އޭސީސީއަށް އަންގާފައިވާ ކަމަށް ބުނެފަ އެވެ. އަދި އެ އެއްބަސްވުންތައް ރައްދުވާ މީހުންގެ މައްސަލަތަކުގެ ތަހުގީގު ކުރިޔަށް ގޮސްފައިވާ ހިސާބާ ގުޅިގެން މަޝްވަރާކުރުމަށްމި މަހުގެ 8 ގެ ކުރިން ހުށަހަޅަން އެ ކޮމިޝަނަށް އިއްޔެ އަންގާފައިވާނެ ކަމަށެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ތަހުގީގު ނިންމައި، ދައުވާކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
ޕީޖީން މިގޮތަށް ބުނެފައިވާއިރު، އެ ޚިޔާނާތުގައި އެންމެ އިސްކޮށް ހުންނެވި އޭރުގެ ނައިބު ރައީސް އަހްމަދު އަދީބަށާއި، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތުގެ މައްޗަށް ޝަރީއަތުން ކުށް ސާބިތުވިއިރު، ވެރިކަން ނިމުމުގެ ތިން ދުވަސްކުރިން ކުރީގެ ރައީސް އިބްރާހީމް މުހައްމަުދު ސޯލިހު އެ ދެބޭފުޅުންނަށް މާފު ދެއްވި އެވެ.