ޝުޖާއު މި ހަނދާންކޮށްދެއްވީ އެމްޑީޕީ ސަރުކާރުގަ ކޮރަޕްޝަން އޮތް ވަރު

މެންބަރު އިބްރާހިމް ޝުޖާއު ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ - (ފޮޓޯ: (ޕީއެންސީ

ޝުޖާއު މި ހަނދާންކޮށްދެއްވީ އެމްޑީޕީ ސަރުކާރުގަ ކޮރަޕްޝަން އޮތް ވަރު

SHARE

އިދިކޮޅު އެމްޑީޕީއަށް ގައުމުގެ ވެރިކަން ލިބުނު ދެ ފަހަރު ވެސް ފާޅުގައި ކޮރަޕްޝަން ހިންގަމުންދިޔަ ގޮތް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެދެއްވައިފި އެވެ.

ޝުޖާއު މިގޮތަށް ވިދާޅުވީ، ރޭ ބޭއްވި ވެރިކަން ކުރާ ޕީއެންސީގެ ޖަގަހަ ޖަލްސާގަ ވާހަކަދައްކަވަމުން ނެވެ.ޝުޖާއުގެ ވާހަކައިގަ މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ އިދިކޮޅު އެމްޑީޕީއަށް ވެރިކަން ލިބުނު ދެ ފަހަރު އަމަލުކުރި ގޮތުގެ މައްޗަށެވެ. އެގޮތުން އެ ޕާޓީން ވެރިކަމަށް އައީ، ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށެވެ.

އެމްޑީޕީގެ 2008 ވަނަ އަހަރުގެ ސަރުކާރުގެ ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ އޭރުގެ ރައީސް މުހައްމަދު ނަޝީދު ވެރިކަން ކުރެއްވީ "ކޮރަޕްޝަން ސްޓައިލުގަ" ކަމަށެވެ.

" އެގޮތުން މި ހެއްދެވި ގޮތަކީ، ރައްޔިތުންގެ މަޖިލީހުގަ ތިއްބެވި އޭރުގެ އިދިކޮޅު ޕާޓީގެ މެމްބަރުންނަށް ރިޝްވަތު ދީގެން ގަތީ. ސަޅިއެއްނު؟ އެ ހިސާބުން މި އުފެދުނީ ފެހި ގާނޫނު އަސާސީގެ ދަށުން ސްޓައިލުގަ ކޮރަޕްޝަން" ޝުޖާއު ވިދާޅުވި އެވެ.

މީގެއިތުރުން، ދައުލަތުގެ މުދަލާއި ހަރު މުދާ ވެސް އެ ވެރިކަމުގައި ބޭރުގެ ފަރާތްތަކަށް ވިއްކަމުންދިޔަ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އޭރު ރާއްޖޭގެ ގިނަ ފަޅުރަށްތަކެއް ފަތުރުވެރިކަމުގެ އެއްވެސް ކަމެއް ނޭނގޭ ބަޔާކާ ނަޝީދު ހަވާލުކުރެއްވި އެވެ.

" އޭގެ ތެރޭގައި މިއުޅޭ ދޮންބިލަތް މެމްބަރާއި ޝިއުނާއަކާ އުސްމާނަކާ ނުވެސް ދަންނަ ޕާޓީއެއްގެ ބަޔަކަށް މި ބަހާލީ ރަށްރަށް. ފެރީ ނިޒާމު ދުއްވަންށާއި .. މިހެން ގޮސް އަނެއްކާ އެ ފެރީ ނިޒާމު އަދި އަދަށް ދާންދެން ނިޒާމު ވީ ތަނެއް ނޭނގޭ، ރަށްވީ ތަނެއް ނޭނގޭ. އެންމެން ބޮޑެތި މަހުޖަނުންނަށް ވެއްޖެ " ޝުޖާއު ވިދާޅުވި އެވެ.

އެއަށްފަހު 2018 ގަ ވެރިކަމަށް އެއީ އެމްޑީޕީގެ ސަރުކާރާ ގުޅިގެން ޝުޖާއު ވިދާޅުވީ އެ ސަރުކާރުގައި ރައީސަކަށް ހުންނެވި އިބްރާހީމް މުހައްމަދު ސޯލިހަކީ "ލޮލަށް ނުފެންނަ ކަންފަތަށް ނީވޭ، އަތްފައި ބުޅިވެފަ" ހުރި ބޭފުޅެއް ކަމަށެވެ. އެގޮތަށް އޭނާ ވިދާޅުވީ، ރައީސް ސޯލިހުގެ ސަމާލުކަމަށް އެމްޑީޕީގެ މެމްބަރުން ގެނައުމުން ވެސް ބީރު ކަންފަތެއް ދެއްވިކަން ފާހަގަކުރައްވަމުން ނެވެ.

"މަނިއްޕުޅޭ އެބަކަޔޭ. ބޯކޮށް އެބަކަޔޭ. މުއްޖަހާފަ އެބަކަޔޭ. ކުންފުނިތަކުގަ ދޮރުބަންދުކޮށްފަ ހުއްޓާ ތިޖޫރީތައް ފަޅާފަ އެބަ ނުކުމެޔޭ. ހަމަ އެ ތިޖޫރީ ތިން ފަހަރު ފަޅާފަ އެބަނުކުމެޔޭ. މަނިކުފާނޭ މިކަން ހުއްޓުވޭނެ ގޮތެއް މަގުފަހިކޮށްދެއްވާށޭ"

" އަޑެއްނީވުނު. އަޅާވެސް ނުލި. އަނެއްހެން ބުނަންޏާ ރިޕޯޓެއް ނުކުރި" ޝުޖާއު ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުގައި ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރަމުންދާއިރު އެންމެ ފަހުން އާއްމުކުރެވުނު ފެނަކައިގެ 2021-2023 އިން ވެސް ވަނީ ފެނަަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު ހުންނަވައިގެން ހިންގެވި 2.2 ބިލިއަންގެ ކޮރަޕްޝަންގެ މައްސަލަތަކެއް ހާމަވެފަ އެވެ. އޭނާގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ މިހާރު ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ނެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފެނަކައާ ގުޅުން ހުރި 161 މައްސަލައެއް ތަހުގީގުކުރަމުންދާއިރު އެ މައްސަލަތަކުގައި ގެއްލުނު 21.4 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އެ ކޮމިޝަނުން ވަނީ ފެނަކައަށްް އަންގާފަ އެވެ.